Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 13:23
ތަސްލީމް މުޙައްމަދު އަދި އޭނާ ދަތުރުދިޔަ ފިނޮޅު
ތަސްލީމް މުޙައްމަދު އަދި އޭނާ ދަތުރުދިޔަ ފިނޮޅު
ރާއްޖެއެމްވީ
ތަސްލީމް ހޯދަން އިންޓަރޕޯލް ޔެލޯ ނޯޓިސްއަށް އެދުން
ތަސްލީމް މުޙައްމަދު ހޯދަން އިންޓަރޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ
އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް މުހައްމަދު މި ދަތުރުގެ އެހެން ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވޭ
އެންމެ ފަހުން އޭނާ ދަތުރުދިޔަ ފަސްގަނޑުން ފެނިފައިވަނީ 2024 އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި
އޭނާ މާލެ ނާންނަކަމަށް ބުނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި

ތަސްލީމް މުޙައްމަދު ހޯދަން އިންޓަރޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކ ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކ މާލެ/ތަސްލީމް މުޙައްމަދު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2024 އޮގަސްޓު 30 ވަނަ ދުވަހުގެ 13:30 އެހާކަންހާއިރު ކަމަށާއި ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރުމާއެކު އޭނާގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ތަސްލީމް މުޙައްމަދު ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިންގ ޓީމުން ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު، އެމްއެންޑީއެފްގެ ޑައިވިންގ ޓީމުން ވަނީ އޮގްސްޓް 31 ން 2024 ސެޕްޓެމްބަރު 6 ވަނަ ދުވަހަށް 943،998 އަކަމީޓަރުގެ ސަރަޙައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހުވެފެންފުށި ކައިރީއޮތް ފަސްގަނޑަށް ދަތުރުދިއުމަށްޓަކައި ދަތުރުގެ ބައިވެރިން ފުރާފައިވަނީ 2024 އޮގަސްޓު 29 ވަނަ ދުވަހުގެ 17:00އާއި 17:30 އާ ދޭތެރޭ ވަގުތެއްގައި މާލޭ ދެކުނު ފަރާތު ބަނދަރުން ކަމަށާއި، ތަސްލީމް މުޙައްމަދު ހިމެނޭހެން މިދަތުރު ގޮސްފައިވަނީ ޖުމްލަ 25 މީހުންނާއި 2 ކުޑަކުދިން ކަން މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށެވެ. އަދި ހަމައެއާއެކު، މިއީ މި ދަތުރުގެ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބެއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއްކަންވެސް ތަހުޤީޤަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު ތަސްލީމް މުޙައްމަދު މި ދަތުރުގައި ބައިވެރިވެފައިވަނީ ޕާޓީގެ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން، ތަސްލީމް މުޙައްމަދު އާއި ދަތުރު ދިޔަ ގްރޫޕް އެ ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު އެ ފަސްގަނޑުގައި ތިބި ކަމަށާއި، 2024 އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް މުހައްމަދު މި ދަތުރުގެ އެހެން ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާ ކަމަށާއި، 00:00ގެ ފަހުން އޭނާ ދަތުރުދިޔަ މީހުން ޓެންޓް ޖަހާފައިހުރި ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.ހަމައެއާއެކު، 2024 އޮގަސްޓު 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައިވެސް އޭނާ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ތަހުޤީޤަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

އެގޮތުން އެންމެ ފަހުން އޭނާ ދަތުރުދިޔަ ފަސްގަނޑުން ފެނިފައިވަނީ 2024 އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަމަށާއި އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހުގެ 10:00 އާ 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން ހޯދުމުން ފެނިފައިނުވާތީ އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް ދަތުރުގެ ބައިވެރިން އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާކަމަށާއި، އާއިލާއިން އޭނާ މާލެ ނާންނަކަމަށް ބުނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށް ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ތަސްލީމް މުޙައްމަދާއެކު ދަތުރުދިޔަ މީހުންނާއި، އެފަސްގަނޑުގައި ދަތުރުގޮސްފައި ތިބި އިތުރު 12 މީހުންނާވެސް ތަހުޤީޤަށް ސުވާލުކޮށްފައިވާނެކަމަށެވެ. އަދި ތަސްލީމް މުޙައްމަދު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލް ކުރުމުގެ މަސައްކަތް ފަށައި، ދަތުރުދިޔަ ލޯންޗުވެސް ބަލައި ފާސްކޮށްފައިވާނެކަމަށެވެ. މީގެއިތުރުން،  އޭނާ މާލޭގައި އާންމުކޮށް ގޮސްއުޅޭ ބަލާ ފާސްކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތަސްލީމް މުޙައްމަދުގެ އާއިލާއަށް ފުލުހުން ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، މައްސަލައިގެ ތަހުޤީޤް ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް އާއިލާ އާ ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް