މާލީ ބަޤާވާތުގެ ވާހަކަ ސަރުކާރުން ފެށީ ޒިންމާއިން ރެކި، ރައްޔިތުންގެ ނަފްރަތުން ސަލާމަތް ވާންކަމަަށް މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަކީ އެއްވެސް ސަރުކާރެއްގައި ސިޔާސީކޮށްގެން މަސައްކަތް ކުރި ތަނެއް ނޫން ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ޔައުގޫބް ވިދާޅުވީ ބީއެމްއެލްގެ ނިންމުމަކީ މާލީ ބަޢާވާތެއް ކަމަށް ބުނަމުން ދަނީ އެމްޑީޕީގެ ސަރުކާރު ދިފާއުކުރުމުގެ ގޮތުން ކަމަށެވެ. ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ޒިންމާ ނެގުމުގެ ބަދަލުގައި މަސައްކަތްކުރަނީ އެމްޑީޕީގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ބޮލުގައި އެފަދަ ތުހުމަތުތަކެއް އެޅުވިޔަސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީ ނުސިހޭނެކަމަށް ޔައުގޫބް ވިދާޅުވިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ޤަބޫލުކުރެވިފައިވާ ގޮތުގައި ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ކަންތައްކުރެވިދާނެ ކަމަށް ޔައިގޫބު ވިދާޅުވިއެވެ. ބީއެމްއެލްގެ ނިންމުމަކީ ވެސް އެގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށް ޔައުގޫބް ވަނީ ސިފަކުރައްވާފައެވެ. އެކަން އެނގޭ ކަމަކީ އެ ނިންމުން ދިފާއުކޮށް ސަރުކާރުގެ އެކި ފެންވަރުގައި މަސައްކަތް ކުރާ މީހުން ވާހަކަދެއްކުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ނިންމުމާއި މެދު ރައްޔިތުން ހިތްހަމަނުޖެހޭނެ މިންވަރު ރައީސަށް އޭރު އަންދާޒާކުރެވިފައި ނެތް ކަމަށާއި، ރައްޔިތުންގެ ނުރުހުން ބޮޑުވުމުން ދެން ނިންމީ އެމްޑީޕީގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމަށް ފަހު ސަރުކާރުގެ ޢަމަލުތަކުގެ ޒިންމާ ނެގުމުން ރެކެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް އައުމުގެ ކުރިން ވެސް ފަހުން ވެސް ވިދާޅުވެފައި އެބަ ހުރި ސަރުކާރުގެ އެއްވެސް މަޤާމަކަށް އައްޔަންކޮށްފައި ނުވާނެ އޭ އިތުބާރު ނުކުރާ މީހެއް. އިތުބާރު ކުރާ މީހުންނޭ މަޤާމުތަކުގައި ތިބޭނީ. އެހެންކަމަށް ވާނަމަ އެ މަނިކުފާނު އައްޔަންކުރައްވާފައިވާ ބޭފުޅުންނޭ. އެހެންވީމަ ދެ މަސް ކުރިން ނިންމާފަ އޮތް ނިންމުމެއް މަޖިލީހުގެ އާ ހުރިހާ ތަނެއްގެ ފުލް ކޮންޓްރޯލް އޮވެ މި މަސައްކަތް ކުރަނީ ޒިންމާ އިން ރެކެން. ރައްޔިތުންގެ ހިތްހަމަނުޖެހުން އައުމާއި ނަފްރަތުފެނުމުން އެމްޑީީޕީން ގެންނަން އުޅުނު ބަޤާވާތެކޭ ކިޔާފަ އުޅުނީ.މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ
ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން މިހާތަށް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހަރުދަނާ ހެކި ގަރީނާއެއްވެސް ހުރިކަމަށް ފުލުހުން ބުނެފައި ނުވެއެވެ.