މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަތުމަށް ފަހު މަސްވެރިންނަށް ފައިސާ ނުދައްކާތާ ތިން ހަފްތާ ވެފައިވާކަން ހާމަވެއްޖެއެވެ.
އެނގިފައިވާ ގޮތުތުން މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ފަހުން މަސްވެރިންނަށް މިފްކޯ އިން ފައިސާ ދޫކޮށްފައެއް ނުވެއެވެ. އޮގަސްޓް 11 ވަނަ ދުވަހު މިފްކޯ އިން ފައިސާ ދޫކޮށްފައި ވަނީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓްގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ގަނެފައިވާ މަހަށެވެ. އެގޮތުން 266 މެޓްރިކް ޓަނުގެ މަހަށް 4.2 މިލިއަން ރުފިޔާ މިފްކޯ އިން ވަނީ ދީފައެވެ. މިހާރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ޖުމްލަ އަަދަދު 10 މިލިއަން ރުފިޔާ އަށް އަރާކަމަށް ރާއްޖެ ޓީވީ އަށް މައުލޫމާތު ދިން މަސްވެެރިއަކު ވަނީ ބުނެފައެވެ.
އޭނާ ބުނީ މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ފައިސާ ނުލިބިގެން ކޮންމެފަހަރަކު އާދޭސްކޮށް މުޒާހަރާކުރަންޖެހުމަކީ ބަލައިގަނެވޭ އުސޫލެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯ އިން ނުދިނުމުގެ ސަބަބުން މަސްވެރިން މަހަށް ފުރުމަށް އޮޑިއަށް ތެޔޮ އެޅުން ފަދަ ބޭނުންތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން މަސް ގަންނަ އަގު ކުޑަކުރުމަކީ ވެސް މަސްވެރިންގެ ކަންބޮޑުވުމެކެވެ.
މި ސަރުކާރުން ވައުދުވެފައި ވަނީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށެވެ. ފަހުން ސަރުކާރުން ވަނީ 2 ހަފްތާގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ފައިސާ ދައްކާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވި މަސްވެރިން ވަނީ މާޔޫސްވެފައެވެ. އަދި އެކަށީގެންވާ ގޮތެއްގައި މަސްވެރިންނަށް ފައިސާ ދެމުން ނުދާތީ މަހަށް ދާ މީހުންގެ ނިސްބަތް ދަށަށް ދާ ކަމަށް މަސްވެރިން ބުނެއެވެ. އަދި މަސްވެރިކަމަށް އަލަށް ނުކުންނަން ޝައުގުވެރިވާ މީހުން މަދުކަމަށް ވެސް މަސްވެރިން ދަނީ ބުނަމުންނެވެ.