ޣައްޒާގައި ދިގުލައިގެންދާ ހަނގުރާމައިގެ ސަބަބުން، ތެލުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން، ޚިދުމަތްދޭ މަދު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައްވެސް އިތުރަށް ވަނީ އިތުރަށް މަޑުޖެހިފައެވެ.
ބައިތުލް ލަހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ މީހެއް ކަމުގައިވާ، އައިމަން ޒަޤޫތަށް ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ ގިނަ ވަގުތުތަކުގައި ފަރުވާ ލިބެނީ އަނދިރީގައިކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމާއެކު، ޖެނެރޭޓަރުތައް މަސައްކަތް ނުކުރާތީ، ހޮސްޕިޓަލުގެ އަނދިރި ކޮރިޑޯތަކުގައި ޑޮކްޓަރުން ބަލިމީހުން ބަލަން އަންނައިރު ސްޓެތޮސްކޯޕް ފަދައިން މޯބައިލް ފޯނުގެ ފްލެޝްލައިޓުވެސް މުހިންމު އާލާތަކަށް ވެފައިވާ ކަމަށް އައިމަން ފާހަގަކުރިއެވެ. "ކަރަންޓު ނެތުމުގެ ސަބަބުން، މި ހާލަތުގައި އަޅުގަނޑަށް ފަރުވާ ދެވޭނެ ގޮތެއް ނޭނގެ،" އައިމަން މި އޭއެފްޕީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ޑޮކްޓަރ މަޙްމޫދު އަބޫ އަމްޝާ ވިދާޅުވި ގޮތުގައި، "އާ ބަލިމީހުން ބަލައިގަތުން މިހާރު ވަނީ މުޅިން ހުއްޓާލައިފަ" އެވެ. އަދި "ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ވަރަށް އިތުރު ތެޔޮ ފޯރުކޮށް ނުދޭ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތެލުގެ ދަތިކަމުގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އޮތްކަންވެސް ޑޮކްޓަރ އަބޫ އަމްޝާ ވަނީ ފާހަގަކުރައްވާފައެވެ.
ހޮސްޕިޓަލުތަކުގެ ހާލަތު ކިޔައިދެއްވަމުން ޑޮކްޓަރ އަމްޝާ އިތުރަށް ވިދާޅުވީ "އިންކިއުބޭޓަރުތަކުގައި ތިބި ކްރިޓިކަލް ހާލުގައިވާ ކުޑަކުދިންނަށް ހާޓްއެޓޭކްތައް ޖެހުމުގެ އިތުރުން އައިސީޔޫގައި ފަރުވާ ހޯދަމުންދާ 7 މަލި މީހުންގެ ފުރާނަވެސް އޮތީ މަރުގެ ތުންފަތް މަތީގަ ކަމަށެވެ.
އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ޗެކްޕޮއިންޓްތަކުން، އެހެނިހެން އިންސާނީ އެހީއާއެކު، ވަރަށް މަދު މިންވަރެއްގެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، ޚާއްޞަކޮށް ވައިގެ ޙަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު އިތުރުވުމުން ނުވަތަ ކުއްލިއަކަށް ޒަޚަމްވެގެން އަންނަ މީހުންގެ އަދަދު އިތުރުވުމުން، މެޑިކަލް ޓީމަށް އިރުގެ ހަކަތައަށް ބަރޯސާވާން ޖެހޭ ކަން ފާހަގަކުރައްވަމުން ޑޮކްޓަރ އަމްޝާ ވިދާޅުވީ މި ނިޒާމަކީ 24 ގަޑިއިރު ކަރަންޓު ބޭނުންވާ ބަލިމީހުންނަށް އެކަށީގެންވާ ޙައްލެއް ނޫން ކަމަށެވެ.
މީގެއިތުރުން، ތެލުގެ ދަތިކަމުގެ ސަބަބުން އެމްބިއުލާންސްތައް ދުއްވުމަށްވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބޭނުންވާ އިމަރޖެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
އުތުރު ޣައްޒާގައި ހުންނަ އަލް-ޢައުދާ ހޮސްޕިޓަލްގެ ވަގުތީ ޑިރެކްޓަރު މުޙައްމަދު ސާލިޙާ އޭ.އެފް.ޕީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮސްޕިޓަލްގެ ޖަނަރޭޓަރުތައް އަލުން ހިންގުމަށްޓަކައި ތެލުގެ އެހީއަކަށް ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށެވެ.
ދެ ދުވަސް ކުރިން އަޅުގަނޑުމެން ވަނީ ބައެއް ޚިދުމަތްތައް މެދުކަނޑާލައި، އަދި ބައެއް އޮޕަރޭޝަންތައް ފަސްކުރަން މަޖުބޫރުވެފަ. މިކަމުގެ ސަބަބުން ބަލިމީހުންނާއި ޒަޚަމްވެފައިވާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވެފައިވާ މިންވަރު އިތުރުވެފައިވޭ.އަލް-ޢައުދާ ހޮސްޕިޓަލްގެ ވަގުތީ ޑިރެކްޓަރު މުޙައްމަދު ސާލިޙާ
އިތުރަށް މަޢުލޫމާތު ދެއްވަމުން ސާލިޙާ ވިދާޅުވީ، އެހެން ހޮސްޕިޓަލްތަކުން "އެ ތަންތަނުގައި ރައްކާކޮށްފައިވާ ތެލުގެ ސްޓޮކުން ބައެއް ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާތީ" މިހާރު އެންމެ އަސާސީ މިންވަރަށް ޚިދުމަތް ދެވެމުންދާ ކަމަށެވެ.
ޣައްޒާގެ ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ. އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ 251 މީހުން ރަހީނުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 105 މީހުން އަދިވެސް ޣައްޒާގައި ބަންދުކުރެވިފައިވާ ކަމަށާއި، 34 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 40،265 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އދ އިން ހާމަކުރާ ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މިހާރު ޣައްޒާގައި ޚިދުމަތް ދެމުން އަންނަނީ އެންމެ 16 ހޮސްޕިޓަލުންނެވެ. އަދި މި ހޮސްޕިޓަލުތަކުންވެސް ދެވެނީ ހަމައެކަނި އަސާސީ ޚިދުމަތްތަކެކެވެ. ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްތަކުގައި ޣައްޒާގެ ހަމައެކަނި ކަރަންޓު އުފައްދާ މަރުކަޒުގެ މަސައްކަތް ހުއްޓުމާއެކު، އިޒްރޭލުން ވަނީ ޣައްޒާއަށް ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްވެސް މުޅިން ކަނޑާލާފައެވެ.