މިހާރު ހަމަޖެހިފައިވާ އުސޫލުތަކަށް ބަލާއިރު ދައުލަތުގެ ފަރާތުން ކިޔަވަން ބޭނުންވާ ދާއިރާއަކުން ކިޔަވަން ހުރަހެއް ނެތް ކަމަށާއި، ފައިސާ އަކީ ހުރަހަކަށް ވެގެން ނުވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަންގާރަ ދުވަހު ކޮމިޓީގެ އެޖެންޑާގައި އޮތީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް އިން އެކުލަވާލަން ޖެހޭ ޤަވާއިދުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމެވެ.
ގްރޭޑް 10 ނިންމާ ހިސާބުން މަތީ ތައުލީމުގެ ފުރުސަތުތައް މިހާރުވެސް ލިބިދީފައިވާ ކަމަށާއި އެކަން ފެށެނީ ނޭޝަނަލް ކޮލިޓީ ފްރޭމްވަރކްގެ ތެރެއިން ކަަމަށް އޭނާ ވިދާޅުވިއެވެ. ގްރޭޑް 6 އާއި ހަމައަށް ތައުލީމް ފުރިހަމަކުރުމަކީ އަސާސީ ތައުލީމް ކަމަށް ބެލުމަށް ފަހު އެ ހިސާބުން ވެސް މަތީ ތައުލީމުގެ ކަންކަން ފަހިކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަތީ ތައުލީމަށް ކިޔެވުމަށް ހުރި ފުރުސަތުތަކަށް އޭނާ އަލިއަޅުއްވާ ލައްވަމުން ލޯން ސްކީމްތަކާއި، ރާއްޖެ އަށް ބޭނުންވާ ދާއިރާތަކަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ފުރުސަތު ދިނުމާއި، ރައީސްގެ ނަމުގައި ދެއްވާ ސްކޯލަރޝިޕްތަކުގެ އެހީގައި ހިލޭ ކިޔެވުމަށް މަގުފަހިކޮށްދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުވެސް ލޯނަށް ހުށަހެޅި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. ޤަވާއިދަކުން ކަށަވަރުކޮށްދޭން ޖެހެނީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުން ގިނަ ވުމުގެ ސަބަބުން ބައެއް ކޯސްތަކުން ފުރުސަތު ނުލިބޭތީ އެކަމުގެ މެމްބަރުން ވަނީ ކޮމިޓީގައި ފާހަގަކުރައްވާފައެވެ. ޖަވާބުގައި ޝަފީއު ވިދާޅުވީ ފުރުސަތު ނުލިބިގެން ގިނަ ދަރިވަރުންތަކަކަށް އުނގެނުމުގެ ފުރުސަތު ގެއްލިގެން ނުދާނެ ކަަމަށެވެ.
ޝަފީއު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ މިންވަރަށް ނަރުހުން ވެސް ތަމްރީންކުރަމުންދާ ކަމަށެވެ. އަދި މުދައްރިސުންވެސް ތަމްރީންކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ތަމްރީން ދެވޭ މީހުންނާއި އަޅާ ބަލާއިރު ޝައުގުވެރިކަމާއި އެކު އެ ދާއިރާތަކުން ޚިދުމަތް ދޭ ދިވެހިން ނުތިބޭ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން މެމްބަރުން ވަނީ މަސައްކަތްތެރިންނާއި މެދު ޢަމަލުކުރާ ބައެއް އުސޫލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.