ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކޮށްފިއެވެ.
ބައެއް މީޑިއާތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކި ކުރި ސަބަބު ހާމައެއްނުކުރައްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދީ އަޤީލް އާއި، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަކީ ގާތްގުޅުމެއް އޮންނަ ދެބޭފުޅުންނެވެ. އަދި މިހާރު އަބްދުއްރަހީމްއާއި ގާތްގުޅުން އޮންނަ ބޭފުޅުން މަގާމުތަކުން ދުރުކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ޕީސީބީ ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4، ހަމްދީ އަޤީލް އައްޔަނު ކުރައްވާފައި ވަނީ 22 ނޮވެންބަރު 2023 ގައެވެ.
ހަމްދީ އަޤީލް އަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމްދީ އަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.