ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހޯމަ ދުވަހު ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއީ ވަރަށް ދުވަސްވެފައިވާ އަދި ޢަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދީގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
މުއިއްޒު ވިދާޅުވީ އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލާފައިވަކަން މުއިއްޒު ފާހަގަކުރެއްވިއެވެ.