ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 10:31
ފިއޮރެންޓީނާ އަށް ބަދަލުވުމަށްފަހު ޑެހެއާ
ފިއޮރެންޓީނާ އަށް ބަދަލުވުމަށްފަހު ޑެހެއާ
ފިއޮރެންޓީނާ
ފިއޮރެންޓީނާ
ޑެހެއާ ފިއޮރެންޓީނާ އަށް ސޮއި ކޮށްފި
ފިއޮރެންޓީނާ އާއެކު ޑެހެއާ ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ސްޕެއިންގެ ތަޖުރިބާކާރު ގޯލު ކީޕަރު ޑޭވިޑް ޑެހެއާ، އިޓަލީގެ ފިއޮރެންޓީނާ އަށް ސޮއި ކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ފިއޮރެންޓީނާ އަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ނިންމައިފަ އެވެ. 12 އަހަރަށް ފަހު ޑެހެއާ ޔުނައިޓެޑު ދޫކޮށްލިއިރު، މިހާތަނަށް އޭނާ ހުރީ އެއްވެސް ކުލަބަކަށް ބަދަލު ނުވެ އެވެ.

ފިއޮރެންޓީނާ އާއެކު ޑެހެއާ ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު އެއް ސީޒަނަށް އެއްބަަސްވުން އައު ކުރުމުގެ ފުރުސަތު ވެސް ފިއޮރެންޓީނާ އަށް އޮންނާނެ އެވެ.

ޔުނައިޓެޑުގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި ޑެހެއާ ވަނީ 545 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ޔުނައިޓެޑާ އެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑެހެއާ ވަނޯ 2014 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ކުޅެފަ އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 45 މެޗުގައި ގޯލު ބަލަހައްޓައި ދީފަ އެވެ. ސްޕެއިން އާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލެއްގައި ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް