ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް މިކަން ހަމަޖެއްސެވިކަން އަންގަވާފައިވަނީ ބުދަ ދުވަހު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
މި ދެންނެވުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، 2024 އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީ މީގެ ކުރިން ހިނގަމުން އައީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.