Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 11:38
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް
ރާއްޖެއެމްވީ
ޑިޕަބްލިކް ކެފޭ މާރާމާރީ
ފައިޙް ކެފޭގައި ހުއްޓައި އެއްވެސް މާރާމާރީއެއް ހިންގާފައި ނުވޭ: ދިފާއީ ހެކިން
ދިފާއީ 2 ހެކިންވެސް ދެއްކީ އެއް ވާހަކަތަކެއް
މި އަޑުއެހުމަކީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެއް

އިއްޒުއްދީން މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މި އަޑުއެހުމަކީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދިފާއީ ހެކިވެރިޔާ ބުނީ، އޭނާ އެންމެ ފަހުން ފައިޙްއާ ދިމާވީ ކެފޭ ތެރެއިން ކަމަށާއި، ފަހުން އޭނާ ހައްޔަރު ކުރި ޚަބަރު އަޑުއެހި ކަމަށެވެ. ފައިޙް އެތަނުން ދިޔައީ އެރޭ 13:30 ހާއިރުކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ހިނގި ވަގުތުތަކުގައި ފައިޙްއާ އެއްވެސް މީހަކާމެދު މާރާމާރީއެއް ހިނގާފައިނުވާކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ދެން ކުރިއަށް ދިޔައީ ދައުލަތުން ސުވާލު ކުރުމެވެ. ދައުލަތުން ވަނީ ހެކިވެރިޔާއާއި ފައިޙްގެ އިތުރުން އިތުރު މީހަކު އެތަނުގަައި ކޮފީބޯން ތިބިކަމަށް ހެކިވެރިޔާ ބުނެފައިވާތީ، އެމީހުން ގެނައީ ކޮން ކަހަލަ ކޮފީއެއްތޯ ސުވާލު ކޮށްފައެވެ.

އޭގެ ޖަވާބުގައި ހެކިވެރިޔާ ބުނީ އޭނާ ގެނައީ އެކްސްޕްރެސޯއެއް ކަމަށާއި، ދެން ތިބި 2 މީހުން ގެނައީ ކޮން ކަހަލަ ކޮފީއެއްކަމެއް ހަނދާނުގައި ނެތްކަމަށެވެ. އަދި އެމީހުން ލައިގެން ތިބި އަންނައުނާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ހެކިވެރިޔާ ވަނީ އޭނާއަށް ނޭނގޭކަމަށް ބުނެފައެވެ.

ހެކިވެރިޔާ ލައިގެން ހުރި އެއްޗެއްވެސް ހަނދާނުގައި ނެތްކަމަށް ދައުލަތުން ސުވާލު ކުރުމުން އެ ހެކިވެރިޔާ ބުންޏެވެ.

Advertisement

ހެކިވެރިޔާ ބުނާ ގޮތުގައި އޭނާއަކީ ފައިޙްއާ ވަރަށް ކުޑައިރުން ފެށިގެން ގުޅުން އޮންނަ ފަރާތެކެވެ. އެހެންކަމުން ދައުލަތުން ވަނީ އެހާ ގާތް އެކުވެރިއަކު ހައްޔަރު ކުރި ޚަބަރު ލިބުމުން، އެރޭ ފައިޙްއާ އެކު ހުރެމެ، އަދި ފައިޙް އެރޭ ކުށެއް ނުކުރާކަމަށް ހެކިވެރިޔާ ބުނާއިރު، ފުލުހަށް ނުދިޔައީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ދިފާއީ ހެކީގެ "ކްރެޑިބިލިޓީ" އާ ގުޅޭ ސުވާލެއް ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ، ފައިޙް ހައްޔަރުކުރި ޚަބަރު ލިބުނުއިރު އޭނާ ފައިޙްގެ ދިފާއީ ހެއްކަކަށް ހިމަނާފައިވާކަމަށްވެސް މައުލޫމާތު ލިބުނު ކަމަށާއި، އޭނާ ފުލުހަށް އިތުރަށް ނުދިޔައީ އެހެންވެ ކަމަށެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާ ވެސް ބުނެފައިވަނީ ޙާދިސާ ހިނގިރޭ 11:00ން ފެށިގެން އޭނާއާއި ފުރަތަމަ ހާޒިރުވި ހެކިިވެރިޔާއާއި ފައިޙް ތިބީ ކެފޭގައި ކަމަށާއި، އެތަނުގައި ތިއްބައި ފައިޙް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ.

ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ހެކިވެރިޔާވެސް ދެއްކީ ކުރިން ހާޒިރުވި ހެކިވެރިޔާ ދެއްކި ވާހަކަތަކެވެ.

މީގެ އިތުރުން، 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައި ހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގައިވެސް ފައިޙްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

ދިފާއުން ހުށަހަޅާފައިވާ 2 ހެކިންގެ ހެކިބަސް ނަގާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް