ކ. މާލެ
|
28 ޖޫން 2024 | ހުކުރު 13:54
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށާއި، ހައްދު ފަހަނައަޅައި ނުދިއުމަށް ވަނީ ހުތުބާފައި ގޮވާލާފައި
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށާއި، ހައްދު ފަހަނައަޅައި ނުދިއުމަށް ވަނީ ހުތުބާފައި ގޮވާލާފައި
މޯލްޑިވްސް އިންޑިޕެންޑެންޓް
ކަލަކުވޮޑިގެންވާކަން ގަބޫލުނުކުރުން
މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގާބޫލުނުކުރުމުގެ ފިކުރު - ހުތުބާ
ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ހައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް
ކަލަކު ވޮޑިގެންވާކަން ގަބޫލުނުކޮށް ހުއްޓާ މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި
އިންޓަނެޓުގައި ބައެއް މައުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ސައްހަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށް

މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީން، މި މައުޟޫއަށް ރާއްޖޭގެ ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުއީ ގުޅުންތައް ކެނޑޭނެ ކަމަށެވެ. ކައިވަނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެ ކަމަށެވެ.

އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައިގައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނެފައިވަނީ ﷲ تَعَالَى ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ހާލު މަރުވާ މީހުންނީ، ދުނިޔެއާއި އާހިރަތުގައި އެއުރެންގެ އަމަލުތައް އުވި ގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."

މީގެ އިތުރުން މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ހައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަށެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވައިފައިވަނީ "ތިޔަބައިމީހުން ދީނުގައި ހައްދުފަހަނަޅައި ދިއުމާ މެދު ބިރުވެތިވާށެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުން ހަލާކުވީ، ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ."

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުމެވެ. އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން. އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން.
ހުކުރު ހުތުބާ

ހުތުބާގައި ބުނެފައިވަނީ މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުމެވެ. ދީނުގައި ޝަރުއުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ތަބޫކު ހަނގުރާމައިގައި ބައިވެރިވި މުނާފިޤުންގެ ޖަމާޢަތުގެ މީހުން ކީރިތި ރަސޫލާ އަށާއި ސަހާބީންނަށް މަލާމާތްކޮށް ފުރައްސާރަކުރިހިނދު ﷲ تَعَالَى ވަޙީކުރެއްވާފައިވަނީ "ހަމަކަށަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލުކުރައްވައިފި ނަމަ، އެއުރެން ދަންނަވާނެ ކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކައިލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللهއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށްހެއްޔެވެ؟ ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ."
ހުކުރު ހުތުބާ

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫން ކަމަށެވެ. އެ ފަދަ އަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވާން ހުތުބާގައި ގޮވާލާފައިވެއެވެ. الله سُبْحَانَهُ وَتَعَالَىއީ ތައުބާ ގަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.

ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ސައްހަ މަޢުލޫމާތު ނުލިބުމުގެ ސަބަބުންނެވެ. މިއަދަކީ، އިންޓަނެޓުގެ ޒަމާން ކަމަށާއި، އިންޓަނެޓުގައި އާންމުކުރާ ހުރިހައި ތަކެއްޗަކީ، ސައްހަ ތަކެއްޗެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ހާއްސަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަސްދަރުތަކަކުން ކަށަވަރުކުރެވޭ މައުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.     

އިންޓަނެޓުގައި ބައެއް މައުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ސައްހަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށް. އެ ފަދަ މައުލޫމާތު ގެނެސްދޭ ބަޔެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުން ނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވެއެވެ. ކީރިތި ގުރްއާނުގެ އާޔަތެއްގެ ބޭރުފުށުގެ މާނައާއި، އޭގެ ހަގީގަތާ މުޅީން ތަފާތުވެދާނެ. އައްތައުބާ ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވަނީ "ހުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ގަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ހިސާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށް ޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ގާއިމުކޮށް، ޒަކާތްދީ އުޅެފި ނަމަ، ދެން އެއުރެން މިނިވަންކަމާ އެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."
ހުކުރު ހުތުބާ

ހުތުބާގައި ބުނެފައިވަނީ ބައެއް ޖަމާޢަތްތަކުން މި އާޔަތުގެ މާނަ ބުނެދީފައި އޮންނަނީ، ކޮންމެ ޒަމާނެއްގައި ވެސް، ހުރުމަތްތެރިވެގެންވާ މައްސަރުތައް ނިމުމާ އެކު، މުޝްރިކަކު ފެނުނު ކޮންމެ ތަނަކުން އެ މީހަކު ގަތުލުކުރަން ޖެހޭނެކަން ދޭހަވާ ގޮތަށެވެ. ނަމަވެސް އާޔަތުގައި އެ ވަނީ ހަނގުރާމައިގެ ހާލަތުގައި ކަންކުރާން ޖެހޭ ގޮތެވެ. އެ ނޫން ހާލަތްތަކުގައި މުޝްރިކުންނާއި ކާފިރުންނަށް، މުސްލިމުންނާ އެކު، އަމާންކަން މަތީ ދިރިއުޅެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އެ މީހުންނާ މުއާލަމާތްތައް ކުރެވޭނެ ކަމަށެވެ. އަދި އިސްލާމް ދީނުގައި، ޛިއްމީންނާއި، މުސްތައުމަނުންނާއި، މުއާހަދުންނަށް، މުސްލިމުންނާ އެކު އަމާންކަންމަތީ ދިރިއުޅުމުގެ ޝަރުއީ މިންގަނޑުތަކެއްވާ ކަމަށާއި، އިސްލާމީ ގައުމުތަކުގައި މިއަދު ވެސް އަމަލުކުރަމުން އަންނަނީ އެ ގޮތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން - ހުތުބާ
އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
ސިހުރު މުޅި މުޖުތަމައަށް ވަނީ އާއްމުވެފައި، ސިހުރުން ރައްކާތެރިވުމަށް އެދި ދުއާ ކުރޭ: ޚުތުބާ
ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލައިފި
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
ފިކުރީ ހަނގުރާމާގައި ޒުވާނުންގެ ސިކުނޑިއަށް ކަލަކު ވޮޑިގެންނުވާކަން ވިސްނައިދިނުމަށް ދަނީ މަސައްކަތްކުރަމުން: ޚުތުބާ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ