Advertisement
ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 11:07
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބު
އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާއެކު ޕާޓީއަށް ކުރިއެރުން ލިބުމަކީ ކުރާ އުންމީދެއް: ރައީސް ސާލިހު
އައު ރޫޙަކާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ
ހުރިހާ ބޭފުޅުންނަށް ރައީސް ސާލިހު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި
އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާއެކު އެޕާޓީއަށް ކުރިއެރުން ލިބުމަކީ ކުރާ އުންމީދެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން ރޭގަނޑު 9:00ށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން ވޯޓު ލާފައިވާ މި އިންތިޚާބާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ އުއްމީދަކީ ދާއިރާތަކަށް ހޮވިވަޑައިގަތް ބޭފުޅުންގެ ފަރާތުން އާރޫޙަކާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވި ޕާޓީއަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ޕާޓީގެ ގައުމީ މަޖިލީހަށް ހޮވިވަޑައިގަތް ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބޮޑު ތަފާތަކުން ވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ކާމިޔާބު ކުރައްވާފައިވާއިރު، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންތިޚާބުވެވަޑައިގެންފައެވެ.

މީގެ އިތުރުން ގިނަ ދާއިރާތަކަކަށް އަންހެން މެންބަރުން އިންތިޚާބުވެވަޑައިގެންފައިވާތީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ގައުމީ މަޖިލީހަށް ގިނަ އަންހެން ކެންޑިޑޭޓުންތަކެއް އިންތިޚާބުވުމަކީ ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިންތިޚާބުވެވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވައި ފައްޔާޒު ވަނީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނާއި ވޯޓު ދެއްވި ޕާޓީގެ ހުރިހާ މެމްބަރުންނަށް އަދި އިލެކްޝަންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމްކޮއް ކުރިއަށް ގެންގޮސްދެއްވި އޮޕިޝަލުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގެ ވޯޓު ފޮށިތައް 24 ރަށެއްގައި ބަހައްޓާފައިވެއެވެ. އަދި މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ ޕާޓީގެ ޗެއާޕާސަން، ރައީސް، ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް