Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 13:38
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
ޕާރކްތަކާއި މިސްކިތްތަކުގައި ނިދާ މައްސަލަ
ޕާރކްތަކާއި މިސްކިތްތަކުގައި މީހުން ނިދުމުގެ 1200އެއްހާ މައްސަލަ ވަނީ ފާހަގަވެފައި - އާޒިމް
އާޒިމް ވަނީ މާލޭގެ މަގުތަކާއި ގުޅުން ހުރި މައްސަލަތަކާއި މެދު ވާހަކަދައްކަވާފަ
ތަންތަން ރީތިކުރުމުން އެ ތަންތަނަށް ކުނި އެޅުން މަދު ކުރެވޭކަން ފާހަގަކުރެވޭ ކަމަށް އާޒިމް ވިދާޅުވި

ޕާރކްތަކާއި މިސްކިތްތަކުގައި މީހުން ނިދުމުގެ 1200އެއްހާ މައްސަލަ ވަނީ ފާހަގަވެފައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ މާލޭގެ މަގުތަކާއި ގުޅުން ހުރި މައްސަލަތަކާއި މެދު ވާހަކަދައްކަވާފައެވެ.

Advertisement

މީގެ އިތުރުން ފެހި ފަހި މާލެ އެއް ގެނައުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެއީ މޭޔަރުކަމަށް ވަޑައިގެންނެވި އިރުގައި ވެވަޑައިގެންނެވި ވަރަށް ބޮޑު ވައުދެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލޭގައި ހުސްކޮށް ހުރި ސަރަހައްދުތަކުގައި މީހުންނަށް އިށީނދެވޭގޮތަށް ޖޯލި ފަދަ ތަންތަން ޤާއިމްކޮށް ހިތްފަސޭހަ ޕާކު ފަދަ ތަންތަން މާލޭގައި ޤާއިމްކުރަމުންދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އާއްމުކޮށް ކުނި އަޅަމުން ދިޔަ ތަންތަން ބެލުމަށް ފަހު މާލޭގައި ހުރި އެފަދަ ތަންތަން ވެސް ރީތިކޮށް، ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އާއްމުކޮށް ކުނި އެޅި ތަންތަން ރީތިކުރުމުން އެ ތަންތަނަށް ކުނި އެޅުން މަދު ކުރެވޭކަން ފާހަގަކުރެވޭ ކަމަށެވެ. އާޒިމް ވަނީ މާލޭގެ ޕާރކްތަކާއި މިސްކިތުގައި ނިދާ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިހާތަނަށް ބެލި ބެލުމުން އެފަދަ 1200 އެއްހާ މައްސަލަ ފާހަގަކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާއްމުކޮށް މިތަންތަނުގައި ނިދާމީހުން އެބަ ތިބި. ފުލުހުން އަތުގައި ވެސް ލިސްޓެއްވެސް އެބަ އޮތް. ކޯޓަށް ހާޒިރުވާން އައިސްގެން އުޅޭ މީހެއް އޭނަ އެބަ އާދޭ މިތަނަށް ނިދަން. މާލޭގައި ހުންނަ ކޯޓަކަށް މީހަކު ގެންނަންޏާ އޭނާއަށް ހުރެވޭނެތަން ހަމަޖައްސަދޭން ޖެހޭ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި. ކުޑަކުޑަ ލާރިކޮޅަކުން އެކަން ނުވެދާނެ. ކޮންމެ މީހަކީ އެހާ ތަނަވަސްކަން ހުންނާނެ މީހެއް ނޫން. ހުންނާނެ ތަނެއް ދޭން ޖެހޭނެ. ކާންދޭން ޖެހޭނެ. ބޯން ދެން ޖެހޭނެ. އެ މީހުން ކޯޓު ކޭސް އަށް އައިސްފަ، ލަސްވެގެންނާ އެހެން މިދަނީ. ވަރަށް މަސައްކަތް އެބަ އޮތް އެހެންވީމަ ކުރަން.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވަނީ މާލޭގައި ހިނގާފަ އުޅޭ މީހުންނަށް ފަސޭހަކުރުމަށް ވެސް އެ މަނިކުފާނު މޭޔަރކަމަށް ވަޑައިގެން ފިޔަވަޅުތަކެއް އަޅުއްވާފައިވާނެކަން ފާހަގަކުރައްވާފައެވެ. ބައެއް އުޅަނދުތައް ޕޭމެންތް މަތީގައި ޕާރކްކޮށްފައި ހުރުމުން ހިނގާ މީހުންނަށް ޕޭވްމެންޓް މަތި ބޭނުން ކުރުމަށް ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ހިނގާ މީހުން މަގުމަތިން ހިނގަން ޖެހޭ ކަމަށާއި އެއީ އެކަން އޮންނަންވާނެ ގޮތެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކާ އުޅަނދުތަކަށް ޕޭވްމެންޓް މަތީގައި ޕާރކް ނުކުރެވޭ ގޮތަށް ލިލީ މަގާއި، ގިޔާސުއްދީން އަދި ލިލީމަގުގައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކަކީ ބޮލަރޑް ޖެހުންކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ތަންތަނުގައި ވެސް އެފަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެ ބަދަލަށް އާއްމުން އިޖާބަދިނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް