Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 01:19
ރައީސް ޑރ މުއިއްޒު އާއި ކުރީގެ ރައީސް ޔާމީން
ރައީސް ޑރ މުއިއްޒު އާއި ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
އިޤްތިޞާދު ދަށަށް ދިއުން
ސަރުކާރުގެ އިގްތިސާދީ ހަކަތަ އެއް ނެތް، އެކަމަށް ރައްޔިތުންގެ ގާތުގައި އިއުތިރާފް ވާންޖެހޭ: ރައީސް ޔާމީން
އިގްތިސާދީ ގޮތުން ސަރުކާރުގެ ހަކަތަ ނެތް ކަމަށް ރައްޔިތުންގެ ގާތުގައި އިއުތިރާފް ވުމަށް ސަރުކާރަށް ގޮވާލައްވާފަވޭ
މިހާރުވެސް ސަރުކާރު ހިންގުމަށް ފައިސާ ތާށިވެގެން ބޮޑު ދެ ލޯނު ނަގައިފި
ގައުމުގެ އިގްތިސާދު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް ހަގީގަތުގައި އިގްތިސާދު އޮތީ ވަރަށް ބޮޑު ތާށި ކަމެއްގަ

ޑރ. މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ހަކަތައެއް ނެތް ކަމަށާއި، ވެރިކަމުގެ ވަރަށް ކުރީ ކޮޅު ސަރުކާރުން ދެ ލޯނު ނަގައިފި ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ލޯނު ނެގުމަކީ އޭގެ ޒާތުގައި މައްސަލަ އެއް ނޫން ކަމަށާއި އެހެން ނަމަވެސް މައްސަލަ އަކަށް ވަނީ އިގްތިސާދީ ތަސައްވަރު ރަނގަޅު ކަމަށް ދައްކަވާ، ލޯނު ނުނަގާ ސަރުކާރު ހިންގާ ކަމަށް ދައްކަވަމުން ސަރުކާރު ހިންގުމަށް ލޯނު ނަގާތީ ކަމުގައެވެ.

ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި ލޯނު ނަގަން ޖެހޭނީ، ކެޕިޓަލް އިންވެސްޓްމެންޓް ތަކަށް ކަމަށާއި އެހެން ނަމަވެސް މުސާރަ ދިނުން ފަދަ ކަންކަމަށް ލޯނު ނެގުމަކީ އިގްތިސާދީ ބޮޑު މައްސަލައެއް ކަމަށެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތައް ފާޑު ވިދާޅުވެ ރިޔާސީ ކެމްޕޭންގައި ޑރ މުއިއްޒު ވަނީ ކުރީ ސަރުކާރުން މުސާރާ ދޭން ލޯނު ނަގާތީ އެއީ ގޯސް ކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވެފާއިރު، މުސާރަ ދޭން ބޭންކް އޮފް މޯލްޑިވްސް އިން މި ސަރުކާރުން 600 މިލިއަން ޑޮލަރުގެ ލޯނެއް ނެގި ކަމަށާއި، އޭގެ އިތުރުން ސަރުކާރު ހިންގުމުގެ ޚަރަދުތައް ހަމަ ޖައްސަން މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ އާމްދަނީ ބްލޮކް ކުރުމަށްފަހު ސަރުކާރުގެ ބޮންޑަކަށް ބޭންކުން ފައިސާ ހޯދިކަންވެސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި އެކަން އެހެން ކުރީ ސަރުކާރުގެ މާލީ ތާށިކަން ހުރުމުން މިނިސްޓްރީ އޮފް ފިނޭންސުން ދޭ ބޮންޑަކަށް ބޭންކުން ފައިސާ ނުދޭނެއަތީ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ލޯނު ނަގައިގެން ކަންކަން ކުރީމާ އިގްތިސާދު ބޮއްސުން ލީ ކަމަށް މި ސަރުކާރުން ބުނާ އިރު މިހާރުވެސް ބޮޑު ދެ ލޯނަކަށް މުއިއްޒު ސަރުކާރުން ފައިސާ ހޯދާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ކަންތައް ކުރެއްވީ އެ ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށް ނޫން ކަމުގައެވެ. އަދި ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް ސާފުކޮށް އެނގެންވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ އިގްތިސާދު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް ހަގީގަތުގައި އިގްތިސާދު އޮތީ ވަރަށް ބޮޑު ތާށި ކަމެއްގެ ތެރޭގައެވެ. ސަރުކާރު ހިންގަން ލޯނު ނެގުމުން ފައިސާގެ ވަރަށް ބޮޑު ތާށި ކަމެއް ސަރުކާރަށް ކުރިމަތިވެފައިވާ ކަން އެނގޭ ކަމުގައި ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުގެ މި ޑިސްކަޝަންގެ ބޭނުމަކީ ރައްޔިތުންނަށް މީގެ ހަގީގަތް އެނގުން، އޭގެ މާނައަކީ ކިހާވަރެއްގެ އިގްތިސާދީ ކްރަންޗެއްގަ، ކިހާވަރެއްގެ އިގްތިސާދީ ޑިސްޓްރެސް އެއްގަ ކަން މި ވަގުތު ސަރުކާރު މިއޮތީ، އިގްތިސާދީ ޑިސްޓްރެސްގައި ސަރުކާރު އޮތީމަ، ސަރުކާރުގެ ލިގުއިޑިޓީ ނެތީމާ ސަރުކާރުން ދެ ފަހަރު ލޯނު ނެގީ.
ކުރީގެ ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިގްތިސާދު އޮތް ހާލަތާ ބެހޭ ގޮތުން ސަރުކާރުން ހަގީގަތައް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް އެއްވެސް ދައްޗެއް، އުނދަގުލެއް ވާނެ ކަމެއް ނެތޭ ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން "ތެދުބަހުން ދެންވެސް ވާހަކަފުޅު ދެއްކެވުމަށް،" ރައީސް ޔާމީން ރައީސް މުއިއްޒު އަށް ގޮވާލެއްވިއެވެ.

ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގައި ދަތިތައް އެބަހުއްޓެވެ. އަދި ސަރުކާރުން އެވާހަކަތައް ރައްޔިތުންނަށް ކިޔައިދޭންވެސް ޖެހޭނެއެވެ.

ރައީސް ޔާމީން ވަނީ ސަރުކާރުން އިގްތިސާދާ ބެހޭ ގޮތުން ދައްކާ ވާހަކަ އާ ކަންކުރަމުންދާ ގޮތާ ދިމާ ނުވާކަމަށް ވިދާޅުވެ، އިގްތިސާދީ ގޮތުން ސަރުކާރުގެ ހަކަތަ ނެތް ކަމަށް ރައްޔިތުންގެ ގާތުގައި އިއުތިރާފް ވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް