ހިޔާ ފްލެޓު ކުއްޔަށްދޭ ކަމަށްވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށް ހައުސިންގ މިިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ކުރިއަށް ދިޔަ ޕެޓިޝަން ކޮމެޓީގައި ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލާގައި ފިޔަވަޅު އަޅާނެތޯ އެކަންތައްތައް ބަލަނީ ކިހިނެތްތޯ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ދައުލަތަށް ކުޑަ ކުލި ދައްކައިގެން ދިރިއުޅުމަށް ދޫކޮށްފައިވާ ހިޔާ ފްލެޓު ބޮޑު އަގުގައި ކުއްޔަށްދޭނަމަ އަދި އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ ހިޔާ ފްލެޓު ކުއްޔަށް ދީ ނުވަތަ ފްލެޓުގެ ވެރިފަރާތުން އެތަނުގައި ދިރިނުޅޭ ކަމަށްވާނަމަ އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއް ނޫން ކަމަށެވެ. އަދި ހިޔާ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ އެހައި ބޮޑަށް ފާހަގަކުރެވެނީ އެފްލެޓުތައް ދޫކޮށްފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށްވާތީ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފްލެޓުތައް ދޫކުރާއިރު، މިމައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން ކުރާނެ ކަމަށާއި، ފްލެޓުތައް ދޫކުރާނީ ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ކަމަށެވެ. އެގޮތުން އޮޅުވާނުލެވޭ މިންވަރަށް އިވެލުއޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
11 މެއި 2023 ގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5300 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި މެއިންޓެނެންސް ފީއަށް 1000 ރުފިޔާ ދައްކަންޖެހެއެވެ.
25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަށް މީގެ ކުރިން މަހަކަށް ދެއްކީ 7،500 ރުފިޔާ އަދި މެއިންޓެނެސް ފީއަށް 1،000 ރުފިޔާއެވެ.
ނަމަވެސް ހިޔާ ފްލެޓުގެ ބައެއް ފްލެޓުތަކެއް ވަނީ 12،000 ރުފިޔާއަށް އަދި 8000 ރުފިޔާއަށް ކުއްޔަށް ދޫކޮށްފައެވެ. އަދި ބައެއް ފްލެޓުތައް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.