Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 13:09
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަދައްކަވަނީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުން
އެޕްލިކޭޝަންތައް ވަކިވަކިން ބެލުމަށްފަހު ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ މިސަރުކާރުން: މިނިސްޓަރު ހައިދަރު
ފްލެޓު ލިސްޓު އުވާނުލައި، އެލިސްޓު އަލުން އެކުލަވާލާނެ
ފްލެޓު ލިސްޓު އާއްމުކުރި ނަމަވެސް ޒާތީ މައުލޫމާތުތައް ހިފަހައްޓާނެ
ފްލެޓު ހޯދުމަށް ދޮގު މައުލޫމާތު ދީ، ލިޔެކިއުންތަކުން އެކަން ސާބިތުވެއްޖެނަމަ ފްލެޓު ހަވާލުނުކުރާނެ
ޚަބަރުގެ އޯޑިއޯ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތައް ވަކިވަކިން ބެލުމަށްފަހު ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ މިސަރުކާރުން ކަމަށް ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޕެޓިޝަން ކޮމެޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ކަމަށް ޝަރުތު ހަމަވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކަނޑައަޅާފައިވަނީ 825 މީހުން ކަމަށެވެ. އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންނަށް 4000 ފުލެޓު ދޫކޮށްލާއިރު، 20،000ށް ވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އެހެންކަމުން ވަކިވަކިން ހުރިހާ އެޕްލިކޭޝަނެއް ބަލައި، އެންމެ މަތިން ޕޮއެންޓް ލިބޭ މީހުންނަށް ފްލެޓު ދޫކުރާނެ ކަމަށާއި، އެލިސްޓް އުވާނުލައި، އެ ލިސްޓު އަލުން އެކުލަވާލާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

Advertisement

ފްލެޓު ލިސްޓު އާއްމުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ އެއީ ކާކުކަން އެނގުނު ނަމަވެސް ޒާތީ މައުލޫމާތުތައް ހާމަނުކުރާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓު އެކުލަވާލުމުގެ މަސްއޫލިއްޔަތު އޮންނާނީ ހައުސިން މިނިސްޓްރީގައި ކަމަށާއި، އެމަސައްކަތް ކުރާނީ މިނިސްޓްރީން ކަމަށެވެ. އަދި އޭސީސީއާއި ކޮމެޓީން ދޭނީ ލަފާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

825 އޭސީސީން ކަނޑައަޅާފައި މިއޮތީ ކަނޑައެޅިގެން ޝަރުތު ހަމަވާ ކަމަށް. އެކަމަކު އަޅުގަނޑުމެން ބަލާނަން ވިހިހާސް އެތައް ސަތޭކަ އެޕްލިކޭޝަން އައިސްފައި އެބައޮތް. ހުރިހާ އެޕްލިކޭޝަންތައް އަޅުގަނޑުމެން ބަލައިގެން އަޅުގަނޑުމެން ހޮވާނީ 4000 ފްލެޓު ލިބެން ޖެހެނީ ކޮންބަޔަކަށްތޯ. ޝަރުތުތައް ހަމަވެ އެންމެ ގިނަ ޕޮއެންޓް ލިބިގެން އެންމެ ބޭނުންވެފައި ތިބީ ކޮންބައެއްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތަށް އިވެލުއޭޓްކޮށްގެން އަޅުގަނޑުމެން އެލިސްޓް އެކުލަވާލާނީ.
ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު

މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓު ހޯދުމަށް ދޮގު މައުލޫމާތު ދީ، ލިޔެކިއުންތަކުން އެކަން ސާބިތުވެއްޖެނަމަ ފްލެޓު ހަވާލުނުކުރާނެ ކަމަށާއި، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރޭން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމިއެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ. ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ، ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ނަމަވެސް ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަނޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ.

މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަކަށް ނުގެންދެއެވެ. އަދި މިހާރު ސަރުކާރުން ވަނީ ފްލެޓް ލިސްޓު ބަލާ ކޮމިޓީއެއް އުފައްދާފައެވެ.

Advertisement

Advertisement
- ކޮމެންޓް