ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ގިނަވުމަކީ ސަރުކާރުގެ ކާމިޔާބެއްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވެރިކަން ހަވާލުވި އިރު އިގްތިސާދީ މިނިވަންކަން ޔަޤީންނުވާ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ފާއިތުވި 8 މަސް ދުވަހު 17 ބައްދަލުވުން ބޭއްވި 225 ނިންމުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކޮންކަމަކާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކެއް ކަމާއި އަދި ނިންމި ނިންމުންތަކުން އަންނަ ބަދަލުތަކާއި، އެ ނިންމުންތަކުގެ ބުރަދަނަކީ ކޮބައިކަން ރައީސް ހާމަކޮށެއް ނުދެއްވައެވެ. އެހެންނަމަވެސް އެ ނިންމުންތަކުގެ ތެރޭގައި އިގްތިސާދާއި އަމިއްލަވަންތަކަމާއި ގުޅޭކަންކަން ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ނިންމާފައިވާ ނިންމުންތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ނިންމާފައި ނިންމުންތަކަށް ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވަޒީރުންގެ މަޖިލީހުގައި މަސައްކަތް ކުރި ގޮތަށް ބަލާއިރު މިދިޔަ ދައުރުގައި ބޭއްވީ 14 ބައްދަލުވުން. ނިންމީ 34 ނިންމުން. އޭގެ ކުރިން 2013އިން 18 އަށް ބޭއްވީ 7 ބައްދަލުވުން. ނިންމީ 6 ނިންމުން. އަޅުގަނޑުމެން ވާނީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުން ބާއްވާ 176 ނިންމުން ނިންމާފަ. ސޯޝަލް ކައުންސިލުން 16 ބައްދަލުވުން ބާއްވާ 48 ނިންމުން ވާނީ ނިންމާފަ.ރައީސް ޑރ.މުހައްމަދު މުއިއްޒު
މި ހުރިހާ ކަމެއްވެސް ކުރީ މިނިވަންކަން ހިމާޔަތްކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަކީ އެންމެ މަތީ ޒިންމާކަމާއި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވަނީ އެ މަގުން ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިއަދު މިނިވަންކަމާއި ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިނިވަންކަމުގެ ވާހަކަދައްކާ އިރު އިޤްތިސާދުގެ ވާހަކަ ނުދައްކާ ފަރުޖެހެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަމިއްލަވަންތަކަމުގެ ސިޔާދަތު ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ ޖަލްސާގައި އިގްތިޞާދު ހަމައަކަށް އަޅުވަން ޚަރަދު ކުޑަކުރުމަށް ކުރާނެ ބައެއް ކަންކަމަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަންކަރިން ސަރވިސް އިން ދަރަންޏަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ، އަދި ތެލަށް ކުރާ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށާއި އަހަރަކު 500 މިލިއަން ޑޮލަރު ތެޔޮ ގަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.