ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 13:04
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ރިޝްވަތު ނެގި މައްސަލައެއް
ޑީޖޭއޭގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރެ ޙައިލަމް ރިޝްވަތު ނަގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ސާބިތުވެއްޖެ
މި މައްސަލައިގައި ޖުމްލަ 379،645.06 ރުފިޔާ ދައުލަތަށް ދައްކަން ހުކުމްކޮށްފައިވޭ
މިމައްސަލަ އޭސީސީން ތަހުގީގު ކޮށްފައިވޭ

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރެ ޙައިލަމް މުޙައްމަދު ރިޝްވަތު ނަގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ސާބިތުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެ ކޮމިޝަނުން ތަހުގީގުކޮށް 22 ޖޫން 2022 ގައި ދައުވާ ކޮށްދިނުމަށް އެދި ޕޮރޮސިކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ، ޑީޖޭއޭގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރެ ޙައިލަމް ރިޝްވަތު ނަގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ޙައިލަމްގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމާއި، 510 ވަނަ މާއްދާގެ (ހ) ގައި ބުނާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.

މި ކުށްތައް ސާބިތުވެ، 18 ޖުލައި 2024 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރިޝްވަތު ހިފުމުގެ ކުށާއި ގުޅިގެން 40 (ސާޅީސް) ގަޑިއިރު މުޖުތަމައުއަށް ޚިދުމަތް ކުރުމަށާއި 56،200 (ފަންސާސް ހަހާސް ދުއިސައްތަ) ރުފިޔާ ގެ ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައިގައި 120 (ސަތޭކަ ވިހި) ގަޑިއިރު މުޖުތަޢުއަށް ޚިދުމަތް ކުރުމާއި 82،200 (ހަށްޑިހަ ދެހާސް ދުއިސައްތަ) ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކޮށްފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،245.06 (ދެލައްކަ ސާޅީސްއެއްހާސް ދުއިސައްތަ ސާޅީސްފަސްރުފިޔާ ހަ ލާރި) ދައްކަން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ޖުމްލަ 379،645.06 (ތިންލައްކަ ހަތްދިހަ ނުވަހާސް ހަސަތޭކަ ސާޅީސް ފަސްރުފިޔާ ހަ ލާރި) ދައުލަތަށް ދަށްކަން ހުކުމްކޮށްފައިވެއެވެ.

- ކޮމެންޓް