އިންޑިއާގެ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓް ގައި ރާއްޖެއަށް ދޭ އެހީގެ މިންވަރު ކުރީ އަހަރުވެސް ހުރި ވަރަށް ކަނޑައަޅާފައި ވާއިރު، ނޭޕާލް، ސްރީ ލަންކާ، އަދި ސީޝެލްސް އަށް ދޭ އެހީ ބޮޑުތަނުން މައްޗަށް ޖައްސައިފިއެވެ.
އެހީގެ މިންވަރު އިތުރު ކުރުމުގައި އެ ގައުމަކަށް އެހީގެ ބޭނުން އޮތް މިންވަރަށް ބަލައިފައިވާ ކަމަށް އިންޑިއާގެ މީޑީއާ އިން ރިޕޯޓް ކޮށްފައިވެއެވެ.
އަންނަ އަހަރުގެ އިންޑިއާގެ ބަޖެޓުން އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވަނީ މި ސަރަހައްދުން ނޭޕާލް އަށެވެ. ނޭޕާލަށް 700 ކްރޯޑް އިންޑިއަން ރުޕީސް ކަނޑައަޅާފައިވާ އިރު އެއީ މި ދިޔަ އަހަރަށް ވުރެ 150 ކްރޯޑް މަތީ މިންވަރެއްކަން ފާހަގަ ކުރެވެއެވެ.
ސްރީލަންކާ އަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައި 245 ކްރޯޑް ކަނޑައަޅާފައިވާ އިރު އެއީ މިދިޔަ އަހަރަށް ވުރެ 95 ކްރޯޑް މަތީ އަދަދެއްކަން ފާހަގަ ކުރެވެއެވެ. އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ސްރީލަންކާގެ އިގްތިސާދު ރަނގަޅު ކުރުމަށް 4 ބިލިއަން ޑޮލަރުގެ އެހީއެއް މީގެ ކުރިންވެސް އިންޑިއާ އިން އެ ގައުމަށް ވަނީ ދީފައެވެ.
ސީޝެލްސް އަށް ހުސްވި އަހަރަށް ވުރެ އިތުރަށް 30 ކްރޯޑް ބަޖެޓްގައި ހަމަ ޖައްސާފައިވެއެވެ.
އަފްޣާނިސްތާން އާއި ރާއްޖެ އަށް އަންނަ އަހަރުގެ ބަޖެޓް ގައި ކަނޑައަޅާފައިވާ މިންވަރު އިތުރު ނުވާކަން އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ. ރާއްޖެ އަށް 2024-2025 ގެ ބަޖެޓް ގައި 400 ކްރޯޑް އިންޑިއަން ރުޕީސް ކަނޑައަޅާފައިވާ އިރު، 2023-2024 އަހަރުގެ ރިވައިސް ކުރި ބަޖެޓުގައި ރާއްޖެއަށް ދޭ އެހީގެ މިންވަރު 770.90 ކްރޯޑް އިންޑިއަން ރުޕީސް އަށް ވަނީ އިތުރުކޮށްދީފައެވެ.