ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 12:42
ހޯމަ ދުވަހު ދެކުނު ގާޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި މަރުވި މީހެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ހިތާމަކުރަނީ
ހޯމަ ދުވަހު ދެކުނު ގާޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި މަރުވި މީހެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ހިތާމަކުރަނީ
އަނަޑޯލޫ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ގާޒާގެ އާންމުންގެ ގެދޮރަށް މިއަދު ހެނދުނު ހަމަލާދީ 16 މަރު
އިރުމަތީ ޚާން ޔޫނިސްގެ ވަޒަންވެރިން ފައިބައިގެން ދިއުމަށް އަމުރު ކުރުމުން 400،000 ފަލަސްތީން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޚަބަރުގެ އޯޑިއޯ

އަންގާރަ ދުވަހު ހެދުނު ގާޒާގެ އާންމުންގެ ގެދޮރަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 16 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީންގެ ސިވިލް ޑިފެންސް ފޯސް އިން ބުނެފިއެވެ.

ޚާން ޔޫނިސްގެ އިރުމަތީ ބަޔަށް ޔަހޫދީ ސިފައިން އަރާ ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 81 މީހުން ވަނީ މަރުވެފައެވެ. އަލް ޖަޒީރާ އިން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 250ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

ޓޭންކް ތަކާއި ބަރު ހަތިޔާރާ އެކު ޚާން ޔޫނިސް އަށް އަލުން ޔަހޫދީ ސިފައިން މި އެރީ އެތަނުގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ވަޒަންވެރިން ވަގުތުން ގެދޮރު ދޫކޮށް ސަރަހައްދުން ފައިބައިގެން ދިއުމަށް ޔަހޫދީން ސިފައިން އަމުރު ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީންގެ ސިވިލް ޑިފެންސް އިން ބުނެފައިވަނީ 400،000 ށް ވުރެ ގިނަ މީހުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށެވެ.

އަނެއްކޮޅުން، އެހީ ފޯރުކޮށް ދިނުމުގައި ދަތުރު ކުރަނިކޮށް އދ ގެ އެއްގަމު އުޅަނދަކަށް ޔަހޫދީ ސިފައިން ވަނީ ހަމަލާދީފައެވެ. އެ އުޅަނދަށް ހަމަލާ ދިން އިރު އޭގައި ބޮޑު އަކުރުން "ޔޫއެން" ޖަހާފައި ހުރި ކަމަށާއި، އުޅަނދު ދަތުރުކުރީ ޔަހޫދީ ސިފައިންނާ ވިލަރެސް ކުރުމަށް ފަހުގައި ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް މަރުވި ފަލަސްތީން މީހުންގެ އަދަދު 39،006ށް ވަނީ އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު 89،818ން މައްޗަށް ވަނީ ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް