ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 17:57
ހުކުރު ދުވަހު އިތުރު ހަރަކާތްތައް ނުބޭއްވުމަށް ވަނީ އަންގާފައި
ހުކުރު ދުވަހު އިތުރު ހަރަކާތްތައް ނުބޭއްވުމަށް ވަނީ އަންގާފައި
އެޑިއުކޭޝަން މިނިސްޓްރީ
ހުކުރު ދުވަހު ހަރަކާތްތައް ނުބޭއްވުން
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދައިގެން

ހުކުރު ދުވަހު ސްކޫލުތަކުގެ ހަރަކާތްތައް ނުބޭއްވުމަށާއި، މުދައްރިސުން މަސައްކަތްކުރަން ނުނެރުމަށް އަނެއްކާވެސް ސްކޫލުތަކަށް މިނިސްޓްރީއިން އަންގައިފިއެވެ.

މިނިސްޓްރީއިން ހޯމަ ދުވަހު ސްކޫލުތަކަށް ފޮނުވި މެމޯގައި ވާގޮތުން ހާއްސަ ހާލަތްތަކުގައި ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހުކުރު ދުވަހު މުދައްރިސުން މަސައްކަތަށް ނުނެރުމަށް މީގެ ކުރިން ވެސް ސްކޫލުތަކުގެ ވެރީންނަށް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފައެވެ. އެހެން ނަމަވެސް ބައެއް ސްކޫލުތަކުން މި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މި ދިރާސީ އަހަރު މިނިސްޓްރީއިން މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބެލެނިވެރިންނާ މުދައްރިސުން މުޢާމަލާތުކުރުމަށް ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަދުކުރުން ހިމެނެއެވެ.

އެގޮތުން ވަކި ވަކި ކްލާސްތަކަށް ހާއްސަ ވައިބާ ގްރޫޕް ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކި ކީ-ސްޓޭޖްތަކަށް ނުވަތަ ގްރޭޑް ތަކަށް ހާއްސަ ކޮމިޔުނިޓީ ވައިބާ ގްރޫޕް ހެދުމަށާއި، އެ ގްރޫޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެންމެ ލަސްގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެއްދެވުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ސަރކިއުލަރ އެއް މެދުވެރިކޮށް ސްކޫލުތަކަށް އަންގާފައެވެ.

- ކޮމެންޓް