މެލޭޝިއާގެ ރަސްކަމުގެ ތަޚްތައް ބިލިއަނަރެއް ކަމަށްވާ ސުލްތާން އިބްރާހީމް އިސްކަންދަރު ހޮނިހިރު ދުވަހު އިސްކޮށްފިއެވެ.
ފަސް އަހަރުގެ ރަސްކަމުގެ ދައުރަކަށް އެމަނިކުފާނު ހޮނިހިރު ދުވަހު އިސްކުރެވުނު އިރު ރަސްކަމުގެ ހުވައި މީގެ ހަ މަސް ކުރިން އޭނާ ވަނީ ކުރައްވާފައެވެ.
މެލޭޝިއާގެ 17 ވަނަ ރަސްގެފާނުގެ ގޮތުގައި ސުލްތާން އިބްރާހިމް އިސްކަންދަރު މަގާމާ ހަވާލުވެވަޑައިގަތީ ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައި އޮތް ކުލަގަދަ ސަގާފީ ރަސްމިއްޔާތެއްގައެވެ.
1957 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މެލޭޝިއާ އަށް މިނިވަންކަން ލިބުމާއެކު އެ ގައުމުގައި އަމަލު ކުރަމުން އަންނަ ރަސްކަމުގެ ނިޒާމުގައި އޮންނަ ގޮތުން މެލޭޝިއާގެ ނުވަ ދަރިކޮޅުގެ ތެރެއިން ދަރިކޮޅަކަށް ނިސްބަތްވާ ބޭފުޅަކު ކޮންމެ ފަސް އަހަރަކުން ތަރުތީބުން ރަސްކަމަށް އިސްކުރެވެއެވެ.
ތޭރަ ސްޓޭޓެއްގެ މައްޗަށް މެލޭޝިއާ އެކުލެވިފައިވީ ނަމަވެސް ރަސްމަތިފުށުގެ އާއިލާ އޮންނަނީ އޭގެ ތެރެއިން ނުވަ ސްޓޭޓެއްގައި ކަމަށް ވެއެވެ. ރަސްމަތިފުށުގެ އާއިލާތައް އޮތް ސްޓޭޓް ތަކުގައި އެތައް ސަތޭކަ އަހަރެއް ވަންދެން މިނިވަން ރަސްކަމެއް އޮތްއޮތުން ނިމުމަކަށް ގެނެސް ހުރިހާ ސްޓޭޓްތަކެއް އެއްކޮށްލީ އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދުވަސްވަރުގައެވެ.
ސުލްތާން އިބްރާހިމް އަކީ މެލޭޝިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ވިޔަފާރިތަކުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަނާއި ރިޔަލް އެސްޓޭޓް ވިޔަފާރިތައް ހިމެނެއެވެ.
އުމުރުފުޅުން 65 އަހަރުގެ މެލޭޝިއާގެ އައު ރަސްގެފާނަކީ ދެކުނު ޖޮހޯރަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އައު ރަސްގެފާނަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާ ގުޅުން ރަނގަޅު ބޭފުޅެކެވެ. އަދި ސިޔާސީ ކަންކަމަށް ޝައުގު ބަހައްޓަވާ ބޭފުޅެއް ކަމަށް ވެސް މެލޭޝިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ.
ރަސްގެފާނު ތަޚުތައް އިސްކުރުމުގެ ރަސްމިއްޔާތުގައި ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިޔާ އާއި ބަހްރެއިންގެ ރަސްގެފާނު ހަމަދް އީސާ އަލް ޚަލީފާ ބައިވެރިވެ ވަޑައިގަތެވެ.