ކ. މާލެ
|
3 ޖުލައި 2024 | ބުދަ 21:35
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގް
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގް
ރޮއިޓާސް
ނަޖީބް ރައްޒާގްގެ ޖަލު ހުކުމް
ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި
ކަރަޕްޝަންގެ މައްސަލަ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒް ކުރާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އޭނާގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް އެ ގައުމުގެ ރަސްގެފާނު ނެރުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މެލޭޝިއާ ސަރުކާރުން މިހާތަނަށް އެއީ އޮތް އެއްޗެއް ކަމަކަށް ބަލާފައެއް ނުވެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގް ތަންފީޒް ކުރަމުންދާ ޖަލު ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރަން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފިއެވެ.

ނަޖީބުގެ ފަރާތުން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ހުކުމް މުރާޖައާ ކުރަން ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މެލޭޝިއާގެ ރަސްގެފާނު އަލް-ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް އޭނާގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރެއް ނެރުއްވި ކަމުގެ ސާފު މައުލޫމާތު އޭނާ އަށް ލިބިފައިވާ ކަމަށެވެ.

ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި އެ ގައުމުގެ އަދަބު ލުއިކުރުމާ ބެހޭ ބޯޑުގެ ނިންމުމަކުން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އޭނާގެ 12 އަހަރުގެ ޖަލު ހުކުމުގެ ބަޔަކަށް އަފްއާމް ދިނުމުގެ އިތުރުން ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް، ބޯޑުން ނިންމާ އެ ގޮތަށް އަމަލު ކުރުމަށް މެލޭޝިއާ ސަރުކާރުގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ނަޖީބުގެ ހުށަހެޅުއްވުމުގައި ވެއެވެ.

އޭނާ ކޯޓުގައި އެދިވަޑައިގަނެފައި ވަނީ އެފަދަ އަމުރެއް އޮތް ނަމަ، އޮތް ކަމަށް ސަރުކާރުން އެއްބަސްވުމާއި، އަދި އެ އަމުރު ތަންފީޒް ކުރުމަށް މެލޭޝިއާ ސަރުކާރުގެ މައްޗަށް ކޯޓުން ހުކުމެއް ނެރެ ދިނުމަށެވެ.

އެތައް މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ، ނަޖީބުގެ ހުށަހެޅުއްވުމާ ގުޅިގެން ބުދަ ދުވަހު މެލޭޝިއާގެ ހައި ކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ، މައްސަލަ ކުރިއަށް ގެންދާނެ އެކަށީގެންވާ ސަބަބެއް ނަޖީބުގެ ހުށަހެޅުމުގައި ނެތް ކަމުގައެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރަށް ޖަވާބުދާރީ ވުން ލާޒިމްވާނެ ކަމަށް ކޯޓަށް ނުފެންނަ ކަމަށެވެ.

ނަޖީބުގެ ގާނޫނީ ޓީމުން ބުނެފައިވަނީ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.

ނަޖީބްގެ އަދަބުން ދެބައިކުޅަ އެއްބައި ލުއިކޮށްދިން ބޯޑުގެ ރިޔާސަތު އޭރު ބެލެހެއްޓެވި ރަސްގެފާނު އަލް-ސުލްތާން އަބްދުﷲ އަހްމަދު ޝާހް ގެ 5 އަހަރުގެ ރަސްކަމުގެ ދައުރު ޖެނުއަރީ މަހު ވަނީ ހަމަވެފައެވެ. ސުލްތާން އަބްދުﷲ ނިސްބަތްވަނީ ނަޖީބުގެ އުފަން ޝަހަރު ޕަހަންގް އަށެވެ.

ނަޖީބުގެ ހުށަހެޅުމުގައި ތުހުމަތު ކުރައްވާފައިވަނީ، ބޯޑު ގައި ހިމެނޭ އެ ގައުމުގެ ދާޚިލީ ވަޒީރު އާއި އެޓަރނީ ޖެނެރަލް އޭނާގެ އަދަބުގެ ބާކީބައި ގޭ ބަންދަން ބަދަލު ކުރަން ރަސްގެފާނު ނިންމެވި އަމުރު ފޮރުވައިގެން އުޅުއްވަނީ ކަމަށެވެ.

ނަޖީބުގެ މި ތުހުމަތާ ބެހޭ ގޮތުން އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެފައިވަނީ އެފަދަ އަމުރެއް އޮތްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިތްޕެވުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކުރީ 2022 ވަނަ އަހަރުއެވެ.

ނަޖީބުގެ ހުކުމް މެލޭޝިއާގެ އެންމެ މަތީ ކޯޓުގައި އިސްތިއުނާފް ކުރުމުން ހުކުމް ވަނީ ދަމަހައްޓާފައެވެ.

ނަޖީބުގެ އަދަބު ދެބައިކުޅަ އެއްބައި ލުއިކޮށް ދިން އިރު އޭނާ ޖަލުގައި ހޭދަ ކުރައްވާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ. މި ލުޔާއެކު އޭނާ ހުކުމް ތަންފީޒް ކޮށް ނިމޭނީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

- ކޮމެންޓް