Advertisement
ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 23:08
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޕީއެންސީގެ މެންބަރުންނަށް ފައިސާ ދޭ މައްސަލަ
ރައީސް މުއިއްޒު އުޅުއްވަނީ އެމަނިކުފާނަށް ލިބޭ އާމްދަނީ ވެސް ދެކޮޅު ނުޖެއްސިގެން: ޔާމީން
މި ސަރުކާރުން އަޒުލުކުރާ ހިސާބަށް ދިޔަ ނަމަވެސް އެކަން ރައްޔިތުން މަޖިލީހުގެ ތެރެއިން ނުކުރެވޭނެ
ރައީސް މުއިއްޒުގެ މުސާރައަކީ 100،000 ރުފިޔާ
ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާދޭ ވާހަކަ ސަރުކާރުން ދޮގުކުރޭ

ރައީސް ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ އެމަނިކުފާނަށް ލިބޭ އާމްދަނީ ވެސް ދެކޮޅު ނުޖެއްސިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފް ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 50،000 ރުފިޔާ ދޭ މައްސަލައަށް އަލިއަޅުއްލައްވައި ސުވާލު އުފައްދާފައެވެ. އަދި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖެއް ކިޔައިދެއްވާފައެވެ.

Advertisement

ޔާމީން ވިދާޅުވީ 50،000 ރުފިޔާ ދޭ ކަމަށް މީޑިއާތަކުގައި ރިޕޯޓުކުރުމުން ރައީސް މުއިއްޒު ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނަށް ފޮނުއްވި މެސެޖްގައި ފައިސާ ދޭނީ ކިހިނެތްތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި ފައިސާ ލިބޭ މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރަކު އެ މެސެޖަށް ޖަވާބު ދެއްވި ކަމަށާއި، ފައިސާ ނުލިބޭ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެއާއެކު ރައީސް މުއިއްޒަށް ލިބޭ އެއްޗަކުން ވެސް ދެކޮޅު ނުޖެހޭ ކަމަށް އެމަނިކުފާނު އަމިއްލައަށް ވިދާޅުވެފައިވާ ކަަމަށް ޔާމީން ވިދާޅުވިއެވެ.

މެސެޖް ފޮނުއްވާފައި ވިދާޅުވީ މެސެޖްގައި މިއޮންނަނީ މިއީ ކިހިނެތްވެގެން ދެކެވޭ ވާހަކައެއްހޭ. ތިމަންނަ ކޮންތާކުންހޭ ތިބޭފުޅުންނަށް 50،000 ރުފިޔާ ދޭނީ. ބުނިތަނުން އެލިބޭމީހުންގެ ތެރެއިން އެކަކު ބުނެފި އަޅުގަނޑަށް ހަމަގައިމު ވެސް ނުލިބޭ. ދެން މުއިއްޒު މި ވިދާޅުވަނީ ތިމަންނަ ކިހިނެތްހޭ ދޭނީ. ތިމަންނައަށް ލިބޭ އެއްޗަކުން ވެސް ތިމަންނަ މިއުޅެނީ ދެކޮޅު ނުޖެހިގެންނޭ އެނގޭތޯ. އެހެންވީމަ އެއީ 50،000 ރުފިޔާގެ ކަންތައް އޮތްގޮތް އެނގޭތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ސަރުކާރު އަޒުލުކުރުމާ ގުޅޭގޮތުން ޔާމީން ވިދާޅުވީ މިސަރުކާރުން އަޒުލުކުރާ ހިސާބަށް ދިޔަ ނަމަވެސް އެކަން ރައްޔިތުން މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ އެމަނިކުފާނަށް ލިބޭ އާމްދަނީ ވެސް ދެކޮޅު ނުޖެއްސިގެން ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ މުސާރައަކީ 100،000 ރުފިޔާއެވެ.

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާދޭ ވާހަކަ ސަރުކާރުން ދޮގުކުރެއެވެ. ނަމަވެސް އަދަދު ނޫހަށް ޕީއެންސީގެ މެންބަރުން ވަނީ ފައިސާދޭކަން ކަށަވަރުކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާދޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރުމަށް އިދިކޮޅު މެންބަރުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އޭސީސީން ބުނެފައިވަނީ އެމައްސަލަ އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށާއި، އެމައްސަލަ ތަހުގީގު ނުކުރާ ކަމަށެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް 50،000 ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެ މެންބަރުންނަށް ފައިސާ ދޭ ގޮތް ނޭނގޭއިރު، ރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ބޮޑު އަދަވަޅަކަށް ވެއްޓިފައި ކަމަށް ސަރުކާރުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް