Advertisement
ކ. މާލެ
|
17 ޖުލައި 2024 | ބުދަ 09:37
ހޯމް މިނިސްޓަރ އަލީ އިޙްސާން
ހޯމް މިނިސްޓަރ އަލީ އިޙްސާން
ރާއްޖެއެމްވީ
ދާޚިލީ ވުޒާރާގެ މަސައްކަތްތައް
ދާޚިލީ ވަޒީރުގެ މައިގަނޑު ފޯކަސް 3 ދާއިރާއަކަށް: ޑްރަގް، ގޭންގް، ބިދޭސީން
ސެކިއުރިޓީއާ ގުޅުންހުރި ދާއިރާއަކީ އަބަދުވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ދާއިރާއެއް
ރާއްޖޭގައި ބިދޭސީން ގެންގުޅުމުގެ ނިޒާމު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫން
ޚާއްސަކޮށް ޑޮލަރުގެ ވަގު ވިޔަފާރި ކުރާ ބިދޭސީންނަށް އަމާޒުކޮށްވެސް އޮޕަރޭޝަންތައް ހިންގަމުންދޭ

މައިގަނޑު 3 ދާއިރާއަކަށް އަމާޒުކޮށްގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ރައީސް ޑރ މުޙައްމަދު މުއިއްޒާއެކު ސިޔާސީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކެއް ކުރެވުނީ މޭޔަރުކަމަށް މުއިއްޒު ވާދަ ކުރެއްވި އިންތިޚާބުގެ ތެރޭގައި ކަމަށެވެ.

Advertisement

ދާޚިލީ ވަޒީރުކަމުގެ މަޤާމަކީ މި ސަރުކާރު އައުމުން ޑރ މުއިއްޒު ދެއްވި ފުރުސަތެއް ކަމަށާއި، ސެކިއުރިޓީއާ ގުޅުންހުރި ދާއިރާއަކީ އަބަދުވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ދާއިރާއެއްކަމަށް އިޙްސާން ވިދާޅުވިއެވެ.

ޤައުމުގައި ހުންނަ ކަންކަމާ ދޭތެރޭގައި އަބަދުވެސް ފިކުރު ކުރެވޭ، ގޯސް ކަމެއް ފެންނަންޏާ އުނދަގޫވެސް ވޭ، ކަންކަން ރަނގަޅު ކުރަން ފުރުސަތު ލިބިއްޖެއްޔާ އެ ފުރުސަތު ބޭނުން ހިފަންޖެހޭ
ދާޚިލީ ވަޒީރު އަލީ އިޙްސާން

އިޙްސާން ވިދާޅުވީ، ދާޚިލީ ވުޒާރާއާ ޙަވާލުވެވަޑައިގެންނެވިއިރު، އެންމެ ބޮޑު ޒިންމާއެއް ޙަވާލު ކުރެވިފައި އޮތީ ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައާއި، ގޭންގުތަކުގެ މައްސަލައިގެ އިތުރުން، ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ކަމަށެވެ.

އޭގެ ތެރެއިން ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވާ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގެންގުޅުމުގެ ނިޒާމު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫން ކަމަށާއި، މިއީ ޙައްލު އަންނަންޖެހޭ މައްސަލައެއް ކަމަށެވެ.

މިވަގުތު ކުރަމުންދަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާރު ތިބި ބިދޭސީން ދެނެގަނެ، ބައޯމެޓްރިކް ނިޒާމެއްގެ ތެރެއަށް ވެއްދުމުގެ މަސައްކަތްކަންވެސް އިޙްސާން ފާހަގަ ކުރެއްވިއެވެ.

މި މުޅި މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ޙައްލު އަންނާނެކަމަށް އުއްމީދު ކުރެވޭކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، ޚާއްސަކޮށް ޑޮލަރުގެ ވަގު ވިޔަފާރި ކުރާ ބިދޭސީންނަށް އަމާޒުކޮށްވެސް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް