ކ. މާލެ
|
12 ޖުލައި 2024 | ހުކުރު 17:46
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
13 އަހަރުގެ ކުއްޖާގެ މައްސަލަ
ކުޑަ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނި ކުރި މައްސަލަ: ހައްމާދުގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ
14 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް ވަނީ އައިސްފައި
ހައްމާދު، އެ ކުއްޖާއާއި ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައި
އެކުއްޖާ ވިހެއި ދަރިފުޅަކީ އޭނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައި

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ރ.މަޑުއްވަރި ފެހިއަލި އިސްމާއީލް ހައްމާދުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުގައި ހައްމާދުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކަނޑައަޅާފައިވަނީ ގާނޫނު ނަންބަރު 12/2009 ގައި މިކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބުކަމުގައިވާ 14 އަހަރުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބެވެ.

ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖޭ ޖަލު އަދަބަކީ 9 އަހަރާއި 4 މަހާއި 15 ދުވަހެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށް ހިމެނިފައިވެއެވެ. އެގޮތުން އެ ކުށް ސާބިތުވާ މީހަކަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

މަޑުއްވަރީގައި އުމުރުން 13 އަހަރުގެ ކުއްޖަކާއި ގަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި ހައްމާދު އުޅެނިކޮށް އޭނާއަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ފެންމަތިވުމާއި އެކުއެވެ.

ހައްމާދު، އެ ކުއްޖާއާއި ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އޭނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ.

- ކޮމެންޓް