ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 23:49
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން
ޓްރިބިއުން
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ މަރުވުން
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން މަރުވެއްޖެ
އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ގައުމީ ޗެސް މުބާރާތުގެ މެޗެއްގެ ތެރެއިން ހުކުރު ދުވަހު މަރުވެއްޖެއެވެ.

ގައުމީ އަދި ބައިނަލް އަގްވާމީ އެތައް މުބާރާތެއްގައި ޗެމްޕިއަން ކަން ހޯދާފައިވާ، ޒިއާއުއް ރަހްމާން ކުއްލި ގޮތަކަށް އުމުރުން 50 އަހަރުގައި މަރުވީ މިހާރު ހިނގަމުންދާ ގައުމީ މުބާރާތުގައި އޭނާގެ ވާދަވެރި ގްރޭންޑްމާސްޓަރ އިނާމުލް ހުސެއިން ރަޖީބް އާ މެޗެއްގައި ވާދަ ކުރަމުން ދަނިކޮށް ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވާ ގޮތުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސް ތަކުގައި ބުނެފައިވަނީ ހުކުރު ދުވަހު މެންދުރު ފަހު އޭނާ މެޗް ފެށި އިރުވެސް އުނދަގޫ ތަކެއް ވާތީ އުޅުނު ކަމަށާއި، މެޗުގެ ތެރެއިން އެއް ފަހަރު ބިންމައްޗަށް ވެއްޓުނު ކަމަށެވެ.

2022 ވަނަ އަހަރު އޭނާ ވަނީ 44 ވަނަ ޗެސް އޮލިމްޕިއަޑް ގައި އޭނާގެ ފިރިހެން ދަރިފުޅާއެކު ދެބަފައިންގެ ޓީމެއްގެ ގޮތުގައި ބަންގްލަދޭޝް ތަމްސީލް ކޮށްފައެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚްގައި ބައްޕަ އާއި ދަރިފުޅު ޓީމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަ ކުރި ދެބަފައިން ކަން އެ ގައުމުގެ މީޑިއާ އިން ފާހަގަ ކުރެއެވެ.

ކުއްލި ގޮތަކަށް އޭނާ މަރުވުމާއެކު ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ ވަނީ ހިތާމަ ފާޅު ކުރައްވާ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް