ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓަރ އޮރްބާން ހުކުރު ދުވަހު ކްރެމްލިންގައި ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވެރިން އެކަމާ ހިތްހަމަ ނުޖެހިއްޖެ އެވެ.
އޮރްބާން ރަޝިއާ އަށް ދަތުރުފުޅު ކުރެއްވީ، ދައުރުވާ ގޮތައް އޮންނަ ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތާ ހަމަސް ދުވަހުގެ މުއްދަތަކަށް ހަންގޭރީން ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ހުކުރު ދުވަހު ޕުޓިން އޮރްބާން އާ ބައްދަލު ކުރައްވަމުން ވިދާޅުވީ، ރަޝިއާ އަށް އޮރްބާން ކުރެއްވި ދަތުރުފުޅަކީ ދުވަސްވީ ރަހްމަތްތެރި އަކަށް ވުމުގެ އިތުރުން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި ޔޫކްރެއިން އާ މެދު ކައުންސިލް ދެކޭ ގޮތް ހާމަ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕުޓިން ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާ އަށް ވަޑައިގަތުމުގެ ކުރިން އޮރްބާން ވަނީ ޔޫކްރެއިނަށް ޒިޔާރަތް ކުރައްވާ ރައީސް ވުލޮޑެމިއަރ ޒެލެންސްކީ އާ ބައްދަލު ކުރައްވާފައެވެ.
އޮރްބާންގެ މި ދަތުރުފުޅާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވަނީ، މި ދަތުރުފުޅަކީ އިޔޫ އިން މެންޑޭޓެއް އޮވެގެން ކުރައްވާ ދަތުރުފުޅެއް ނޫން ކަމަށާއި، އެހެން ނަމަވެސް ބްރަސްލްސްގައި އަރާމު އަތްގަނޑުލީ ގޮނޑިއެއްގައި އިށީދެ އިނދެގެން ސުލްހަ އެއް ނުހޯދޭނެ ކަމަށެވެ.
އޮރްބާން އެހެން ވިދާޅުވި ނަމަވެސް އީޔޫގެ ވެރިން ގެންދަވަނީ އޭނާގެ މި ދަތުރުފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޗެލް ވިދާޅުވީ، އީޔޫގެ ފަރާތުން ރަޝިއާ އާ ބައްދަލު ކުރުމުގެ އެއްވެސް މެންޑޭޓެއް ހަންގޭރީއަކަށް ނޯންނާނެ ކަމަށެވެ.
"ޔޫކްރެއިން އާ ބެހޭ އެއްވެސް މަޝްވަރާ އެއް ޔޫކްރެއިން ނެތި ނުކުރެވޭނެ،" އޭނާ އެކްސް ގައި ވިދާޅުވިއެވެ.
އީޔޫގެ ޚާރިޖީ ގުޅުން ތަކާ ބެހޭ ވެރިޔާ ޖޯސެފް ބޮރެލް އެކްސް ގައި ވިދާޅުވީ، އޮރްބާން މޮސްކޯ ގައި ހުންނެވީ އެއްވެސް ސިފައެއްގައި އީޔޫގެ ފަރާތުން ނޫން ކަމުގައެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ވެސް ވަނީ ހަމަ މި މޭރުމުން، އޮރްބާންގެ ދަތުފުޅަށް ނުރުހުން ފާޅު ކުރައްވާ އެކްސް ގައި ލިޔުއްވާފައެވެ.
އަންގާރަ ދުވަހު ބޮޑު ވަޒީރު އޮރްބާން ޔޫކްރެއިން އަށް ކުރެއްވި ދަތުރުފުޅުގައި ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ އާ އެކު މަޝްވަރާ އާ ހަމަ އަށް ވާސިލް ވެވޭނެ ޝެޑިއުލަކަށް މަސައްކަތް ކޮށްދެއްވަން ޔޫކްރެއިންގެ ރައީސް ގެ އަރިހުން އެދިވަޑައިގަތް ކަމަށް ޚަބަރުތައް ބުނެއެވެ.
އެހެން ނަމަވެސް އޮރްބާން އަރިހުން ޒެލެންސްކީ އެދިވަޑައިގަތް ކަމަށް ވަނީ، ޔޫކްރެއިނުން ބައިނަލް އަގްވާމީ މުޖްތަމު އާ އެކު މިކަމުގައި ކުރަމުންދާ މަސައްކަތައް އޭނާ އެހީތެރިވެ ދެއްވުން އެދޭ ކަމަށެވެ.