ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ އެކު، ބާއްވަން ތާވަލް ކުރި ދެ ވަނަ ސަމިޓު ކެންސަލް ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށް، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓުގެ ބައްދަލުވުން، ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް، ޓްރަމްޕް ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވައިފަ އެވެ. މިވަގުތު ބައްދަލުވުން ކެންސަލް ކުރައްވަން ނިންމަވާފައިވާކަން ހާމަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއެކު ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މެޑްވެޑޭވް ވިދާޅުވެފައި ވަނީ، އެމެރިކާ އަކީ ރަޝިޔާގެ ދުޝްމަނެއް ކަމަށެވެ. އަދި އެމެރިކާގެ ވާހަކަ ދައްކަމުން އަންނަ "ސުލްޙަވެރިޔާ" މިހާރު ވަނީ ފުރިހަމަ އަށް ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ މަގަށް އެނބުރިފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މެޑްވެޑޭވް އެ އިޝާރާތް ކުރެއްވި ސުލްޙަވެރިޔާ އަކީ، އެމެރިކާގެ ރައީސް ޓްރަމްޕް އެވެ.
އިތުރަށް މެޑްވެޑޭވް ވިދާޅުވެފައި ވަނީ، އެމެރިކާ އިން މިހާރު އަޅާފައިވާ އެންމެހައި ފިޔަވަޅު ތަކަކީ ރަޝިޔާ އާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލު ތަކެއް ކަމަށެވެ. އެމެރިކާ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން މެޑްވެޑޭވް ވިދާޅުވީ، މިހާރު ޓްރަމްޕް ހުންނެވީ ރަޝިޔާ އާ ދެކޮޅަށް ޔޫރަޕުގެ ޤައުމުތަކާ އެކުގައި ކަމަށެވެ.
ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، މެޑްވެޑޭވްގެ މި ވާހަކަ ތަކުން ސާފު ވަނީ އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ގޯސްވަމުން އަންނަކަން ކަމަށެވެ. އަދި މެޑްވެޑޭވް މިފަދައިން ވިދާޅުވެފައި ވަނީ، ޔުކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ބައިނަލްއަޤުވާމީ މުޖުތަމައުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު ތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މެޑްވެޑޭވް އަކީ ރަޝިޔާގެ މިހާރުގެ ރައީސް ޕުޓިންގެ ގާތް ބޭފުޅެކެވެ. ފަހަކަށް އައިސް މެޑްވެޑޭވް ވަނީ ވަރަށް ހަރުކަށި ބަޔާން ތަކެއް ނެރުއްވައިފަ އެވެ. ޚާއްސަކޮށް އެހެން ޤައުމު ތަކުން ރަޝިޔާ އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، މެޑްވެޑޭވް އަންނަނީ އެކަމާ ދެކޮޅަށް ވާހަކަތައް ދައްކަވަމުންނެވެ.
މީގެ ކުރިން ޕުޓިން އާއި ޓްރަމްޕް ވަނީ އެމެރިކާގެ އެލަސްކާގައި ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުން ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ދެ ވަނަ ބައްދަލުވުމެއް ބާއްވަން ދެ ރައީސުން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް، މިހާރު ދެ ވަނަ ބައްދަލުވުން ޓްރަމްޕް ކެންސަލް ކުރައްވާފައިވާއިރު، ދެން އެ ބައްދަލުވުން އޮންނާނެ ތާރީޚެއް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.