ކ. މާލެ
|
3 ޖުލައި 2024 | ބުދަ 16:57
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ގޫގުލް
ޔޫރޯ 2014
ރޮނާލްޑޯގެ ބަސް: އިތުރު ޔޫރޯއެއްގައި ނުކުޅޭނަން
އުމުރުން މިހާރު 39 އަހަރުގެ ކުޅުންތެރިޔާ އަށް ދެން އަންނަ ޔޫރޯ ފަށާއިރު 43 އަހަރުވާނެ އެވެ. އެއީ މީގެ ހަތަރު އަހަރު ފަހުން އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ ޔޫރޯ އެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޔޫރޯގައި ދެން ނުކުޅޭނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން މިހާރު 39 އަހަރުގެ ކުޅުންތެރިޔާ އަށް ދެން އަންނަ ޔޫރޯ ފަށާއިރު 43 އަހަރުވާނެ އެވެ. އެއީ މީގެ ހަތަރު އަހަރު ފަހުން އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ ޔޫރޯ އެވެ.

ޝައްކެއްނެތް. މިއީ އަހަރެންގެ ފަހުގެ ޔޫރޯ. އަހަރެން ދެން ޔޫރޯގައި ނުކުޅޭނަން. މިކަމާ އަހަރެން ދެރައެއްނުވޭ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

އޭނާ ބުނީ ގައުމީ ޓީމަށް 2003 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅެ ގައުމީ ޓީމަށް 130 ލަނޑު ޖެހިފައިވުމުން އެކަމާ ފަހުރުވެރިވާ ކަމަށެވެ.

މެދެނުކެނޑި ގައުމު ތަމްސީލުކުރަމުން، ސަޕޯޓަރުންނާއި އާއިލާ އާއި އަހަރެންގެ ރަހުމަތްތެރިންނަށް އުފާވެރިކަން ހޯދައިދެވޭތީވެ އަހަރެން އުފާކުރަން. އަހަރެން ޔޫރޯގައި ނުކުޅުނަސް ފުޓްބޯޅަ ހުއްޓާނުލާނަން.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޔޫރޯގައި ދެން ނުކުޅުނު ނަމަވެސް 2026 ވަނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭނެކަން ނުވަތަ ނޫކަމެއް ރޮނާލްޑޯ ނުބުނެ އެވެ. ގިނަ ބަޔަކު ބުރަވަނީ އޭނާ ގައުމީ ޓީމަށް އަލްވަދާއު ކިޔާނީ އެ މުބާރާތުގައި ވޯލްޑްކަޕް ތަށި ލިބޭތޯ މަސައްކަތް ކުރުމަށްފަހު އެވެ.

ރޮނާލްޑޯ އަށް މިހާތަނަށް ނުލިބިވާ އެންމެ ބޮޑު މުބާރާތަކީ ވެސް ވޯލްޑްކަޕެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް