ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 00:29
ގެދޮރުވެރިޔާ ސްކީމް
މިފަހަރު ދެމަފިރިންނަށް ދެ ފުލެޓް ލިބިއްޖެ - މިނިސްޓްރީން ބުނަނީ އެއީ މައްސަލަ އެއް ނޫން ކަމަށް!
"އިއުލާނު ކުރައްވާފައި އޮތް އުސޫލު ބައްލަވާ، ޗެލެންޖެއް ތިޔަބޭފުޅުންނަށް ކުރަނީކީ ނޫން،...ކުރީ ސަރުކާރުން އެ އުސޫލު އިއުލާނު ކުރައްވާފައި އޮތް އިރަކުއެއް އަނބިމީހާ އަށް ގޯއްޗެއް، ފިރިމީހާ އަށް ގޯއްޗެއް އޮވެގެން ނުލިބޭނެ ގޮތަކަށް ނޯންނާނެ،" ސްޓޭޓް މިނިސްޓަރ

އަހަރަކަށް ވުރެ ގިނަ ދުވަހު 'ވެރިފިކޭޝަން' ޕްރޮސެސް އެއް ސަރުކާރުން ހިންގި ކަމަށް ބުނުމަށްފަހު، ނެރުނު ފުލެޓް ލިސްޓުން ކުރިން ފްލެޓް ލިބިފައިވާ އެތައް ސަތޭކަ ބަޔަކު އުނިކޮށްފައިވާއިރު، ދެ މަފިރިންނަށް ވެސް މިފަހަރު ފްލެޓް ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ކުރިން މި ދެމަފިރިންގެ ތެރެއިން ފްލެޓް ލިބުނީ އަންހެން މީހާ އަށް ކަމަށާއި، މިފަހަރު ނެރުނު ލިސްޓުގައި ފިރިހެން މީހާ އަށް ވެސް 75 ޕޮއިންޓް ވަނީ ލިބިފައި ކަމަށެވެ. އެހެން ކަމުން މި ދެ މަފިރިންނަށް ވެސް ފަހުން މި ނެރުނު ލިސްޓުގައިވާ ގޮތުން ފްލެޓް ލިބޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނޫނަސް ދެމަފިރިންނަށް ފްލެޓް ލިބުނު އެހެން ކޭސްތައް ވެސް ބައެއް ފަރާތްތަކަށް ވަނީ ފާހަގަ ވެފައެވެ.

ފްލެޓް ލިސްޓުން ކުރިން ފުލެޓް ލިބިފައިވާ ގިނަ ބަޔަކު ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާ އައު ލިސްޓް ނެރުނު އިރު އޭގައި އެތައް މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ހޯމަ ދުވަހު ސަރުކާރު ހުޅުވުމާއެކު ގިނަ ބަޔަކު ވަނީ ހައުސިންގ މިނިސްޓްރީ އަށް ގޮސް ޝަކުވާ ކޮށްފައެވެ. ހައުސިންގ މިނިސްޓްރީ އަށް ދިޔަ ބައެއް ފަރާތްތަކުން ވަނީ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކަށް ވަކިން ފްލެޓް ލިބުނު މައްސަލަ ވެސް ފާހަގަ ކޮށްފައެވެ.

ދަރުބާރުގޭގައި ހިނގަމުންދާ ހައުސިންގ މިނިސްޓްރީ އަށް ދިޔަ އާންމުންގެ ބަޔަކަށް ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އެއީ ކުރީ ސަރުކާރުން އިއުލާނު ކޮށްފައި އޮތް އުސޫލަށް ބަލާއިރު މައްސަލަ އެއް ނޫން ކަމުގައެވެ.

"އިއުލާނު ކުރައްވާފައި އޮތް އުސޫލު ބައްލަވާ، ޗެލެންޖެއް ތިޔަބޭފުޅުންނަށް ކުރަނީކީ ނޫން،...ކުރީ ސަރުކާރުން އެ އުސޫލު އިއުލާނު ކުރައްވާފައި އޮތް އިރަކުއެއް އަނބިމީހާ އަށް ގޯއްޗެއް، ފިރިމީހާ އަށް ގޯއްޗެއް އޮވެގެން ނުލިބޭނެ ގޮތަކަށް ނޯންނާނެ،" ނަޒީމް ވިދާޅުވިއެވެ.

ދެމަފިރިންނަށް ފްލެޓް ލިބުން އެއީ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ކަން ދެއްކެވުމަށް ނަޒީމް ކުރީ ސަރުކާރު ބޮލަށް ކަނޑާލެއްވި ނަމަވެސް ކުރީ ސަރުކާރުން އަމަލު ކުރި އުސޫލަކީ ދެމަފިރިންނަށް ފްލެޓް ލިބޭނަމަ ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލުމަށް އެއްބަސް ކުރުވުމެވެ. އެއީ ގިނަ އާއިލާތަކަކަށް ފްލެޓް ދިނުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް އެމްޑީޕީ ސަރުކާރުން ވަނީ ބުނެފައެވެ.

ނަޒީމް ވިދާޅުވިފަދައިން އިއުލާނު ކުރި އުސޫލުގައި ކަނޑައެޅިގެން ދެމަފިރިންނަށް ފްލެޓް ނުދެވޭނޭ ކަމަށް ބުނެފައެއް ނެތެވެ. މީގެ އަޖައިބަކީ، ފްލެޓްގެ އުސޫލުގެ ބައެއް މާއްދާތައް ބޭނުން ގޮތަކަށް މާނަ ކޮށްފައި، އަނެއް ބައެއް އުސޫލުތަކުގައި އޮތީ ކޮން އެއްޗެއްތޯ ވެސް ރަނގަޅަށް ބަލާ ނުލުން ކަމަށް ފްލެޓް ލިސްޓުން އުނިކުރި ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ފްލެޓް ލިބި، ފްލެޓް ނަމްބަރާ ޓަވަރުގެ ނަމްބަރު ލިބި ރަޖިސްޓަރީ އާއި އެއްބަސްވުން ލިބިފައިވާ އެތައް ބައެއްގެ ފްލެޓް މުއިއްޒު ސަރުކާރުން އަތުލީ، މާލޭ ގައި ދިރިއުޅުނު މުއްދަތު ސާބިތު ކޮށްދޭން ހުށަހެޅި ބައެއް ލިޔުންތަކަކީ އުސޫލުގައި ނުބުނާ ލިޔުންތަކެއް ކަމަށް ބުނެއެވެ. މިހެން ބުނާއިރު، އުސޫލުގައި ލިޔުން ހުށަހަޅަން ޖެހެނީ ވަކިތަންތާކުން އެކަނި ކަމަށް ބުނެފައެއް ނެތް ކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

"މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއްކަން ސާބިތު ކުރުމަށް މާލޭ ސަރަހައްދު ގެއެއްގައި ދިރިއުޅޭ ކަމަށް ހުށަހެޅި ލިޔުމަކީ މި ސްކީމްގެ ދަށުން ބަލައިގަނެވޭނެ ލިޔުމެއް ކަމަށް ގެދޮރުވެރިންގެ ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ލިޔުމެއް ނޫނެވެ." ފްލެޓް ލިބުނު މީހަކަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް މުއިއްޒު ސަރުކާރުން ކަނޑައެޅި ސަބަބުގައި ވެއެވެ.

ކައުންސިލުތަކުން ދޭ ލިޔުންތައް ވެސް ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ދައުވާ ކުރާ މުއިއްޒުގެ ސަރުކާރުން ބަލައި ނުގަންނަ ކަން ކަންބޮޑުވުމާއެކު ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ކުރީ ސަރުކާރުން ސައްހަ ކަމަށް ކަނޑައަޅާ އެފަދަ ލިޔުންތައް ބަލައިގަނެ ފްލެޓްވެސް ދީފައިވާ ފަރާތްތަކަށް މި ސަރުކާރުން މިހެން ކަން ކުރި އިރު ކުރީ ސަރުކާރުން އިއުލާނު ކުރި އުސޫލުގައި އޮތީ "މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާ ފަރާތެއްކަން އަންގައި ދިނުމުގެ ގޮތުން އަންނަނިވި ލިޔެކިޔުން ހުށަހެޅިދާނެ؛" ކަމަށެވެ. އެހެން ބުނުމަށްފަހު ހުށަހެޅިދާނެ ބައެއް ބާވަތުގެ ލިޔުން އެ އުސޫލުގައި ގެނެސްފައިވެއެވެ.

މާލޭގައި ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރަމުން ގެންދާ ތަންތަނުގެ ލިޔެކިޔުމާއި، ކޮލެޖް، ޔުނިވަރސިޓީ ސްކޫލް ފަދަ ތަންތާނގައި ކިޔަވަން އުޅުނު ކަމުގެ ލިޔެކިޔުމާއި، ޕެންޝަނާ ބެހޭ ލިޔެކިޔުންތައް ފާހަގަ ކޮށްފައިވާއިރު އެނޫން ބާވަތެއްގެ ލިޔެކިޔުމެއް ހުށަނޭޅޭނެ ކަމަކަށް އެ އުސޫލުގައި ބުނެފައެއް ނުވެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ލިސްޓުގައި ފާހަގަ ކޮށްފައިވާ ލިޔުންތަކުގެ ބޭރުން ލިޔުމެއް ހުށަނޭޅޭނެ ކަމަށް ބުނެވޭނެ ޖާގަ އެއްވެސް ނެތެވެ. އެއީ އެންމެ ހާލުގައި އުޅޭ މީހުންނަކީ ސަރުކާރުގެ އޮފީސްތަކާއި ނުވަތަ އަމިއްލަ ތަންތަނުގެ ވަޒީފާތަކުގައި ނުވަތަ ޔުނިވަރސިޓީ އާއި ކޮލެޖުން ލިޔުން ލިބިދާނެ ބަޔަކަށް ނުވެދާނެއަތީ ކަމަށް ފްލެޓް ލިސްޓުގައި ހުރި މައްސަލަތައް ފާހަގަ ކުރަމުން މި ނޫހަށް ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

އޭނާ ބުނީ، ޓެކްސީ ދުއްވާ މީހުންނާއި، މަސްވެރިކަމުގައި އުޅޭ މީހުންނާއި، އަމިއްލަ ގޮތުން ގުރުއާން ކިޔަވައިދޭ މީހުންނާއި، ހެދިކާ ހަދައިގެން ދިރިއުޅުން ހަމަޖައްސާ ކިތަންމެ ބަޔަކު މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅެމުންދާތާ 20-25 އަހަރުވެފައި އެބަތިބި ކަމަށެވެ. އެފަދަ މީހުން ޝަރުތު ފުރިހަމަވާ ކަމަށް ކުރީ ސަރުކާރުން ނިންމީ ހަމަ ހުށަހެޅި ލިޔެކިޔުން ރަނގަޅުވީމާ ކަމަށް އޭނާ ބުންޏެވެ.

"އެހެން ނަމަވެސް އެމީހުން ކުއްޔަށް އުޅޭ ގޭގެ ވެރިފަރާތުން ނުވަތަ އެމީހަކު ނިސްބަތްވާ ރަށުގެ ކައުންސިލުން ދީފައިވާ ލިޔުމެއް އެއީ އުސޫލުގައި ބަޔާން ކޮށްފައި ނެތް ލިޔުމެއް ކަމަށް ބުނެ މުއިއްޒު ސަރުކާރުން ބާތިލުކޮށްލައި ކުރިން ލިބިފައިވާ ފްލެޓް އަތުލުމަކީ ބޮޑު އަނިޔާއެއް ނޫން ދެން ކޮން ކަމެއްތޯ؛" ބުނެ އޭނާ ސުވާލު ކުރިއެވެ.

- ކޮމެންޓް