ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 10:24
އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް
އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާސް
ޔޫރޯ 2024
ސިއްރު ކުރާކަށް ބޭނުމެއް ނޫން، ކަންކަން ރަނގަޅު ކުރަން ޖެހޭ: ސައުތުގޭޓް
އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުންނުވާކަން ފާހަގަކޮށް ސައުތުގޭޓް ބުނީ، ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ރޫޙުން ހިތްވަރު ހޯދަން ޖެހޭ ކަމަށެވެ.

އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާ ކަމަށާއި، އިންގްލެންޑުން ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމުގައި އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އިންގްލެންޑުން ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން އިންގްލެންޑު މޮޅުވީ، ސްލޮވޭކިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރިއިރު، އިތުރު ވަގުތު ފުރަތަމަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން އިންގްލެންޑު ވަނީ މޮޅުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، މެޗުން އިންގްލެންޑު މޮޅުވި ނަމަވެސް އެކަމާ އެހެން މީހުން ދައްކާނެ ވާހަކަތައް އޭނާ އަށް އިނގޭ ކަމަށެވެ. އެހެން ނަމަވެސް، މުބާރާތުގައި އަދި ވެސް އިންގްލެންޑު ދެމި އޮތް ކަމަަށާއި، އެއީ ކުޅުންތެރިން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ސައުތުގޭޓް ބުނީ މިހާރަށް ވުރެ ބޮޑަށް އިންގްލެންޑު ރަނގަޅު ވާން ޖެހޭ ކަމަށާއި، ދިމާވާ މައްސަލަތައް ރަނގަޅު ކުރަން ވެސް ޖެހޭ ކަމަށެވެ. އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުންނުވާކަން ފާހަގަކޮށް ސައުތުގޭޓް ބުނީ، ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ރޫޙުން ހިތްވަރު ހޯދަން ޖެހޭ ކަމަށެވެ. އަދި އެއީ އިންގްލެންޑަށް ކުރިއަށް ދެވޭނެ ކަމުގެ ފުރިހަމަ ނިޝާނެއް ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ، މެޗުގެ ނަތީޖާ އަނބުރާލުމުގައި އިންގްލެންޑުގެ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ދައުރު އޮތް ކަމަށެވެ. ޚާއްސަކޮށް ނަތީޖާ ހަމަހަމަ ކޮށްދިން ޖޫޑް ބެލިންހަމް އާއި ލީޑު ހޯދައިދިން ކެޕްޓަން ހެރީ ކޭންގެ ނަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަނެއްކޮޅުން، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިންނަކީ ވެސް، މެޗު އަނބުރާލުމުގައި ލިބުނު އެހީތެރިކަމެއްގެ ގޮތުގައި ސައުތުގޭޓް ވަނީ ސިފަ ކޮށްފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑު ނިކުންނަން ޖެހެނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އެ މެޗަކީ މުޅިން ތަފާތު މެޗަކަށް ވާނެ ކަމަށެވެ. އެ މެޗު ވެސް އުނދަގޫވާނެ ކަމަށާއި، ޓެކްޓިކަލީ ބަދަލުތަކެއް ގެނެސްގެން، ވިސްނުންތެރިކަމާއެކު ކުޅެން ޖެހޭނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މިއަހަރުގެ ޔޫރޯ ގައި އިންގްލެންޑުގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ތަކާއި، އެ ޤައުމުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް ސަައުތުގޭޓަށް އަންނަނީ އަމާޒުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް