ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 11:22
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
މަގޭ ރިޕޯޓް
އުއްމީދީ ސަރުކާރާއެކު ރައްޔިތުންނަށް ކޮޅުކެހި
ހުޅުމާލޭ ކަންނެލި ޖެޓީން ދިމާވި މީހެކެވެ. ގާތަށް އައިސް ފުރަތަމަވެސް ބުނެލީ މުޅިން ގޯސް ކަމަށެވެ. ނުވެސްދަންނަ މިމީހާ މިކިޔަނީ ކީކޭތޯ ބަލާލަން ކުޑައިކޮށް ގާތްވެލާފައި ކިހިނެތް ވީހޭ އަހައިފީމެވެ.

ހުޅުމާލޭ ކަންނެލި ޖެޓީން ދިމާވި މީހެކެވެ. ގާތަށް އައިސް ފުރަތަމަވެސް ބުނެލީ މުޅިން ގޯސް ކަމަށެވެ. ނުވެސްދަންނަ މިމީހާ މިކިޔަނީ ކީކޭތޯ ބަލާލަން  ކުޑައިކޮށް ގާތްވެލާފައި ކިހިނެތް ވީހޭ އަހައިފީމެވެ.

"ކިހިނެއް ނުވަނީ. މުޅިން ހަލާކު. ވަރަށް އުއްމީދާއެކު މިސަރުކާރު ގެނައީ. އަހަރަމެން މަސްވެރިންވާނެ މިސަރުކާރު ގެންނަން އެންމެ ގަދައަށް މަސައްކަތްކުރި އެއްބަޔަކަށް. އެކަމަކު އެންމެބޮޑު އަނިޔާއެއް އެދެނީ އަހަރެމެންނަށް. ކިރުވާ މަހަށް ފައިސާ ނުދީ އަހަރަމެން މިއޮށް ހަލާކުވަނީ. އަނެއްކާ މިހާރު އެބުނީ މަހުގެ އަގު ދަށްކުރާ ވާހަކަ. އެކަމަކު މީނަ ދޯ ބުނީ 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނަމޭ. ކިހިނެއް މިހާރު މިހެދީ. މީ ބޮޑު ދޮގު ސަރުކާރެއް" އިތުރު އެއްޗެއް އަހާލަންވެސް ފުރުސަތު ނުދީ ފަށްޗަކަށް އަމުނާލިއެވެ.

އެތަނުން ކުޑަކޮށް ދުރަށް ޖެހިލާ އައި ބޭނުން ފުއްދަން މަސްމާރުކޭޓު ތެރެއަށް ވަނީމެވެ. މާގަދައަށް ބަޔަކު އަޑުގަދަ ކުރާތީ ދުރުދުރުން ގާތްވެލީމެވެ. އެތަނުން މީހަކު ބުނާތީ އަޑު އިވެއެވެ.

"ކާކު ފޮނުވާލީ. ހަމަ އެމީހުން ގެނެސް އެތިބީ. ހެދުން ބަދަލު ކޮށްލީ. ހަމަ އެސިފައިންގެނެސް އެތިބީ. މުޅިންވެސް ރައްޔިތުންނަށް އޮޅުވާލުން. މިއޮތީވާ ސަރުކާރެއް. ދޮގު ހެދުން ނޫން ކަމެއް ނެތް" އެމީހާ ބުންޏެވެ.

މާ ނޭނގޭ ކަމަށް ހަދައިގެން ހުރެ އެދައްކަނީ ކޮންވާހަކައެއްތޯ އެތަނުން މީހެއްގެ ގާތު އަހައިފީމެވެ. އޭނާ އައީ ފާޑަކަށް ރުޅިއެވެ.

" މިދައްކަނީ މިއުޅޭ.... މުއިއްޒުގެ ވާހަކަ. ފޮނިކަނޑާފައި އައި ސަރުކާރުގެ ވާހަކަ. އިންޑިއާ ސިފައިން ފޮނުވާލިއްޔޭ ކިޔައިގެންވެސް ހެދި ދޮގުގެ ވާހަކަ އޭނާ އެކިޔަނީ" އެމީހާ ބުންޏެވެ.

މަސްގަނެގެން ގެއަށް އައި މަގުމަތީގައި ރައްޓެއްސަކާ ދިމާވެގެން މަސްކޮތަޅު ބަހައްޓާފައި ކޮފީއަކަށް އަރައިފީމެވެ.

"އެނގޭތަ. މިހާރު އަހަރަމެން ރަށުގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ. އެހެރީ ހުއްޓިފަ. ކޮނެފަ ހުރި ބައެއް ތަންތަނުގައި ހުރީ މަދިރިފަނި އަޅާފައި. ގެންގޮސްހުރި ސިމެންތިތަކާއި ހޮޅިތައް އެހެރަ ހަލާކުވަނީ. ކަލޭމެން ނިކަން މިވާހަކަތައް ލިޔެބަލަ" އުތުރުގެ ރަށަށަކަށް ނިސްބަތްވާ އެމީހާ ބުންޏެވެ.

އިގްތިސޯދު ދަށީ ނޫންހޭ ޚަރަދުތައް ކުޑަކުރަނީ ނޫންހޭ ބުނެފީމެވެ.

"ހެހެ. ހަރަދުތައް ކުޑަކުރަނީއޭ. ތީ ހަމަ ހުސް ވާހަކަ. އަހަރެމެން މިއޮއްކުޑަ ރަށުގެ އިންޖީނުގެއަށްވެސް އެތައް ބަޔަކު ވައްދައިފި. ކުރިންވެސް ދެމުން އައި ކަރަންޓް ދެނީ. އެތާކު އިތުރު ކަމެއް ނުކުރޭ. އެހެނެއްނޫން. ކުރިއަށްވުރެ ކަރަންޓް ބިލް އެބަ ބޮޑުވޭ. އެނޫން ކަމެއް ހަތް ހަރާމުން ހަރާމް." ޖަވާބު ދިނީ ސީދާ މިސާލުންނެވެ.

ލަސްވަނީއޭ ވަރަށް އަވަހަށް ދާން އެބަޖެހެއޭ ބުނަމުން ތެދުވެ ސައިކަލަށް އަރަން ހިނގައިގަތީމެވެ. ކުއްލިއަކަށް އެހެން މީހަކު ގޮވާލީމާ ބަލާލައިފީމެވެ.

"މީދެން ކިހާ ބޮޑުކަމެއް. އެކަމަކު ބުނި އެކުދިންނަށް ދޭ ޑޮލަރުގެ އަދަދު އިތުރު ކުރާނަމޭ. ކޮންތާކު. އިތުރެއްވެސް ނޫން ވީކީ. ނުލިބެނީ. މިހާރު މިޖެހެނީ މީހުންގާތު ސަލާން ޖަހަން ޑޮލަރެއް ހޯދަން." އޭނާ ބުނި ވާހަކައިން އެއީ ރާއްޖެއިން ބޭރުގައި ދަރިއަކު ކިޔަވަން ބަހައްޓައިގެން އުޅޭ މީހެއްކަން އެނގުނެވެ.

"އެކަމަކު ރައީސް ވިދާޅުވިއެއް ނޫންތޯ މިހާރު ޑޮލަރު ލިބޭނެއޭ އަގުބޮޑެއް ނުވާނެއޭ." އަހަރެން ބުނީމެވެ.

އެހެންބުނެ ނުނިމި އުޅެނީސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އެހެން ބުނީމަ ނިމުނީ. މިމީހުން އެގޮތައް ކިތައް ކަންތައް ކޮށްފި. ނިކަން ދޭބަލަ ގަންނަން. ލާހިކެއް ނޫން 18 ރުފިޔާގެ މިކޮޅަކު އެންމެ ޑޮލަރެއްވެސް ހޯދާކަށް" ވަރަށް ޔަގީން ކަމާއެކު އޭނާ ބުންޏެވެ.

ސައިކަލަށް އަރާ އިސްޓާޓު ކުރިއަސް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ކޮތަޅު ތަކެއް ހިފައިގެން ހުރި މީހަކު ފަތިވަރެއް ދަމަމުން ދެއެވެ.

"ކަނޑައެޅީ ޕްލާސްޓިކް ކޮތަޅަށް އަގުނަގަން. މިހާރު އެޔެއް މިޔެއްނެތް. ކޮންމެ ކޮތަޅަކަށްވެސް ނަގަނީ" އެމީހާގެ ޝަކުވާވެސް އޮއްސާލިއެވެ.

އަދި ރަނގަޅުވާނެއޭ އާކޮޅުވީމާ އަދި ވެގެން އުޅޭ ގޮތެކޭ ބުނެފީމެވެ.

"ކޮންތާކު މިހާރު ނެތް ނޫން ކަމެއް ރައްޔިތުންނަށް ތުރާ. ގައިމު "ކޮތަޅު އިބުރޭއޭ" ގޮވަމުން ކޮތަޅުން ލާރިނަގާތީ ސަރުކާރު ވައްޓާލީ. އަދިވެސް ނަގަނީ ހުއްޓައެއް ނުލި." އެމީހާ ބުންޏެވެ

ގެއަށް އައިސް ކުޑައިކޮށް ހަބަރުތައް ބަލާލާ ފޭސްބޫކަށް ވަދެލައިފީމެވެ. ކަމަކު ދާކަށް ނެތެވެ. މުޅިންވެސް ރައްޔިތުންގެ ޝަކުވާއެވެ. ސަރުކާރުގެ އޮޅުވާލުންތަކުގެ ވާހަކައެވެ. އެކަންކަމާ ގުޅޭ ފޮޓޯ ތަކެވެ. އިންތިޚާބުގެ ކެންޕޭނުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެންޕެއިން ޓީމުން ދައްކާފައިހުރި ވާހަކަތަކުގެ ހެޑްލައިންތަކާއި ޚަބަރުތަކުގެ ސްކްރީން ޝޮޓްތަކެވެ. ރައީސް ވިދާޅުވެފައިހުރި ވާހަކަ ތަކުގެ ވީޑިއޯ ތަކެވެ. އޭރުގެ ސަރުކާރަށް ރައްދުކޮށް ކިޔާފައިހުރި ވާހަކަތަކާއި މާލާމާތުގެ ބަސްތަކެވެ. މިހާރު ދައްކަވާ ވާހަކަތަކާއި ކުރައްވާ ކަންކަމުގެ ޚަބަރުތައް ޓެގްކޮށް ކޮށްފައިހުރި ރީ ޕޯސްޓްތަކެވެ.

ކޮންމެއަކަސް ރައްޔިތުން ވަރަށް އުއްމީދާއެކު ގެނައި ސަރުކާރަކުން އަދި ހެވެއް ނެތެވެ. ކޮންމެ ދިމާލެއްގައިވެސް ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުންތަކާއި މާޔޫސްކަމެވެ. ކަންކަން ރަނގަޅުވުމުގެ ބަދަލުގައި ބޮޑުތަނުންވީ ގޯސްތަކެވެ. މިއަދު ރައްޔިތުން ބުނަމުންދަނީ އުއްމީދާއެކު ގެނައި ސަރުކާރުން މި ލިބުނީ "ކޮޅުކެއްސެއް" ކަމަށެވެ.

- ކޮމެންޓް