ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 11:19
ސްވިޒަލެންޑު ޤައުމީ ޓީމުގެ ކޯޗު މުރާތު ޔަަކިން
ސްވިޒަލެންޑު ޤައުމީ ޓީމުގެ ކޯޗު މުރާތު ޔަަކިން
ރޮއިޓާސް
ޔޫރޯ 2024
އިޓަލީ އަށް ނޭވާ ލާނޭ އެެއްވެސް ފުރުސަތެއް ނުދެން: ޔަކިން
މެޗުގައި ސްވިޒަލެންޑުން ރަނގަޅަށް ކުޅުމުގެ ނަތީޖާ އަކަށްވީ، އިޓަލީ ޕްރެޝަރަށް ވެއްޓުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑުގެ ކުޅުންތެރިން ދެއްކި ކުޅުމަށް، އެ ޓީމުގެ ކޯޗު މުރާތު ޔަކިން ތައުރީފު ކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޔަކިން ބުނެފައި ވަނީ، ސްވިޒަލެންޑަށް އިޓަލީ ހައިރާން ކޮށްލެވޭނެ ކަމަށެވެ.

އިޓަލީ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ޔަކިން ބުނީ، ސްވިޒަލެންޑުން ކާމިޔާބު ކުރީ ވަރަށް މުހިންމު މެޗެއް ކަމަށާއި، އެއީ ވަރަށް ވެސް ޚާއްސަ މެޗެއް ކަމަށެވެ. ސްވިޒަލެންޑުން އަބަދު ވެސް ކުރިއަށް ތައްޔާރުވާނެކަން ފާހަގަކޮށް ޔަކިން ބުނީ، ކުއާޓާ ފައިނަލް ގައި ވާދަކުރަން ޖެހޭ ޓީމާ ދެކޮޅަށް ވެސް ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށެވެ.

ޔަކިން ބުނީ، މެޗުގައި ސްވިޒަލެންޑުގެ ކުޅުންތެރިން ދައްކަމުން އައި ކުޅުމާއި، ކުޅުންތެރިން ކުރަމުން އައި މަސައްކަތުން ވެސް، އިޓަލީގެ މައްޗަށް ކުރި ހޯދޭނެކަން އިނގުނު ކަމަށެވެ. މެޗުގައި ސްވިޒަލެންޑުން ރަނގަޅަށް ކުޅުމުގެ ނަތީޖާ އަކަށްވީ، އިޓަލީ ޕްރެޝަރަށް ވެއްޓުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ހަމައެކަނި ދައްކަން ޖެހެނީ ސްވިޒަލެންޑު މޮޅުވި ވާހަކަ ނޫން ކަމަށާއި، މޮޅުވި ގޮތުގެ ވާހަކަ ވެސް ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޔަކިން ބުނީ، މެޗުގައި އިޓަލީ އަށް ނޭވާލާނެ ފުރުސަތެއް ވެސް ސްވިޒަލެންޑުން ނުދޭ ކަމަށެވެ. އޭނާ ބުނީ މުޅި މެޗަށް ބަލާއިރު ވެސް، ބޯޅަ ހިފަހައްޓައި، މެޗު ޑޮމިނޭޓު ކޮށްގެން ކުޅުނީ ސްވިޒަލެންޑު ކަމަށެވެ. މެޗުގައި ސްވިޒަލެންޑުން ދެއްކި ކުޅުމަކީ މޮޅުވުން ވެސް ހަައްގު ކުޅުމެއް ކަމަށާއި، އެކަމާ ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި ސްވިޒަލެންޑުގެ ގޯލާ އަމާޒުކޮށް އިޓަލީ އަށް ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާ ނުލެވޭ ކަމަށް އޭނާ ބުންޏެވެ.

ޔަކިން ފާހަގަ ކުރި ގޮތުގައި މިވަގުތު ސްވިޒަލެންޑުގައި އޮތީ ވެސް ވަރަށް ރަނގަޅު ރޫޙެކެވެ. އެހެންކަމުން ދެން އޮތީ ހަަމަޖެހިގެން، ރަނގަޅަށް ތައްޔާރުވުން ކަމަށާއި، މިވަގުތު ޓީމަށް އުފާ ފާޅު ކުރަން ވެސް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް، ސްވިޒަލެންޑުން ކުރަން އޮތް މަސައްކަތް އަދި ނުނިމޭ ކަމަށާއި، ވިސްނުންތެރިކަމާ އެކު ކުރިއަށް ދާން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް