ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 09:49
ސްޕެއިން އިން ކުޅުނު މެޗުގެ ތެރެއިން
ސްޕެއިން އިން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ސްޕެއިން އިން ސްވިޒަލެންޑު ބަލިކޮށްފި
މި ގްރޫޕުގައި ސްޕެއިން ކުޅުނު ދެ މެޗުގެ ތެރެއިން، އެއް މެޗު އެއްވަރުވެ، އަނެއް މެޗުން މޮޅުވެފައިވާއިރު، ހަތަރު ޕޮއިންޓާ އެކު އޮތީ ދެ ވަނައިގަ އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ، ގްރޫޕް ހަތަރެއްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެެއިން އެއް ލަނޑު ޖެހިއިރު، ސްވިޒަލެންޑުން ލަނޑެއް ޖެހި އެވެ. ސްޕެއިންގެ ފަހު ދެ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ހޮސޭލޫ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލަމީން ޔަމާލް އެވެ. އޭގެ ފަހުން ސްވިޒަލެންޑުން ޖެހި ލަނޑެއް ރެފްރީ ބަަލައި ނުގަންނަން ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަމާ އެކު އެވެ. މެޗުގައި ސްޕެއިންގެ ދެ ވަނަ ލަނޑު 13 ވަނަ މިނެޓުގައި ޖެހީ ފަބިއަން ރުއީޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލެންޑުގެ ލަނޑު ޖެހީ ޒަކީ އަމްދޫނީ އެވެ.

އޭގެ ކުރިން ސްޕެއިންގެ ޑިފެންޑަރު ލެ ނޯމާންޑް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މެޗުގެ ބާކީ ބައި ސްޕެއިން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގައި ސްޕެއިންގެ ތިން ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ރުއީޒް އެވެ. އަދި އެ ޓީމުގެ ފަހު ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ފެރާން ޓޮރޭސް އެވެ.

ސްޕެއިން އަކީ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މި ގްރޫޕުގައި ސްޕެއިން ކުޅުނު ދެ މެޗުގެ ތެރެއިން، އެއް މެޗު އެއްވަރުވެ، އަނެއް މެޗުން މޮޅުވެފައިވާއިރު، ހަތަރު ޕޮއިންޓާ އެކު އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ ޑެންމާކު އެވެ. ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ ސްޕެއިން އާއި ޑެންމާކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް