ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 11:35
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ތެރެއިން
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ތެރެއިން
ރައީސް އޮފީސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024
މުއްދަތެއް ނެތް ގޮތަށް ސްޕޯޓްސް އެވޯޑު ހަފްލާ ފަސްކޮށްފި
ބެލެވޭ ގޮތުގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ވެސް މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ، ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ރައީސް ނިންމެވި، ނިންމެވުގެ ދަށުންނެވެ.

މިއަަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ، މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ނިންމާފައިވާ ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފި އެވެ.

އެންމެ ފުރަތަމަ، މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް، އޭގެ ފަހުން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް އެވޯޑު ހަފްލާ ބާއްވަން ފަސްކޮށްފަ އެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެވޯޑު ހަފްލާ ބާއްވަން ނިންމައި، ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. މިއީ އެވޯޑު ޙަފްލާ ފަސް ކުރަން ނިންމި ދެ ވަނަ ފަހަރެވެ.

މިދިޔަ ދެ އަހަރު ވެސް އެވޯޑު ޙަފްލާ ބާއްވާފައި ވަނީ މާލޭ ސިންތެޓިކް ޓްރެކުގަ އެވެ. ނަމަވެސް މިއަހަރުގެ އެވޯޑު ޙަފްލާ ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގަ އެވެ. އެވޯޑު ޙަފްލާ އަށް ތައްޔާރުވުމުގެ ގޮތުން ޓްރެކުގައި ސްޓޭޖް ޤާއިމު ކުރުމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. އަދި އެކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ވެސް ދިޔައީ ކުރަމުންނެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، 2022 ވަނަ އަހަރު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ތައާރަފު ކުރީ އޭރުގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އެވެ. ސަރުކާރުން އިސްނަގައިގެން، ކުޅިވަރުގެ ޚިދުމަތްތެރިންނާއި، ކުޅުންތެރިންގެ އަގު ވަޒަން ކުރުމުގެ މަޤްސަދުގައި ދޭން ފެށި އެވޯޑު ވަނީ 2022 ވަނަ އަހަރާއި، 2023 ވަނަ އަހަރު ވެސް ބާއްވައިފަ އެވެ. އެ ދެ އަހަރު ވެސް އެވޯޑު ހަފްލާ ބާއްވާފައި ވަނީ ދުނިޔޭގެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތުންގެ ބައިވެރިވުމާ އެކު އެވެ. އެ ދެ އަހަރު ބޭއްވި އެވޯޑު ހަފްލާ އަށް ވެސް ބައިނަލްއަޤުވާމީ މީޑިއާ ތަކުގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ކުރިއަށް ގެންދާނެކަން ހާމަކޮށްފަ އެވެ. އެއަށްފަހު އެވޯޑާ ގުޅުން ހުރި އެކި އެކި މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އެވޯޑުގެ ފަނޑިޔާރުންގެ ޓީމުން ވެސް ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެވޯޑާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ޙިއްސާކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ އެވޯޑު ޙަފްލާގައި ބައިނަލްއަޤުވާމީ ކުޅިވަރުގެ ޝަޚިސިއްޔަތުން ނުގެންގަން އޮތީ ނިންމައިފަ އެވެ. އެވޯޑު ޙަފްލާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އެވޯޑުގެ ނޮމިނޭޝަންތައް ވެސް ވަނީ އިއުލާން ކުރަން ފަށައިފަ އެވެ.

އެވޯޑު ޙަފްލާ ފަސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބައެއް ކަހަލަ ފިޔަވަޅުތައް އަޅުއްވަން ނިންމައިފަ އެވެ. އެގޮތުން ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަ ކުރުމާއި، އެކި އެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ޙަފްލާތައް ވެސް ނުބާއްވަން ވަނީ ނިންމަވައިފަ އެވެ. އެގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ފިޔަވައި، އެހެން އެއްވެސް ޙަރަކާތެއް ނުބާއްވަން ވަނީ ނިންމަވައިފަ އެވެ. ބެލެވޭ ގޮތުގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ވެސް މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ، ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ރައީސް ނިންމެވި، ނިންމެވުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް