ކ. މާލެ
|
26 ޖޫން 2024 | ބުދަ 18:29
މާލިއްޔަތު ކޮމިޓީ ބައްދަލުވުން
މާލިއްޔަތު ކޮމިޓީ ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
ސަރުކާރުން ލޯނު ނެގުން
ސިއްހީ ދާއިރާއާއި އެއާޕޯޓު ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ނެގި ލޯނުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއަށް ހިއްސާކޮށްފި
ސިއްހީ ދާއިރާއަށް އެހީގެ ގޮތުގައި ދީފައި ވަނީ 50 މިލިއަން ޑޮލަރު
ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން ނަގާފައިވޭ

މިއަދުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމާއި، އެއާޕޯޓު ތަރައްގީ ކުރުމަށް ކަމަށް ބުނެ ނަގާފައިވާ ލޯނުގެ ތަފްސީލުތައް މަޖިލީހަށް ހިއްސާކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ރާއްޖޭގެ ސިއްހި ދާއިރާ ކުރިއެރުވުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ( 562.5 މިލިއަން ރިޔާލުގެ) ލޯނު އެހީ  ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިއެއްބަސްވުމުގެ ތެރެއިން ސިއްހީ ދާއިރާއަށް އެހީގެ ގޮތުގައި ދީފައި ވަނީ 50 މިލިއަން ޑޮލަރެވެ. މި އެހީގެ ތެރެއިން ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ހޮސްޕިޓަލްތައް ބިނާ ކުރާނެ ކަމަށް ލޯނުގެ އެއްބަސްވުން ޤާއިމު ކުރެއްވިއިރު ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ވިދާޅުވެފައިވެއެވެ.

އޭރު ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވީ، މި ލޯނުން 100 މިލިއަން ޑޮލަރަކީ އެއާޕޯޓު މަޝްރޫއަށް ދޭ އެހީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެ ލޯނުތަކުގެ ތަފްސީލުތައް މާލިއްޔަތު ކޮމިޓީއަށް ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނަގާފައިވާ 187.5 މިލިއަން ސައޫދީ ރިޔާލުގެ އިތުރުން، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ނަގާފައިވާ 375 މިލިއަން ރިޔާލުގެ ލޯނެކެވެ. އެއީ ސައުދީ ފަންޑުން ނަގާފައިވާ ލޯނެވެ.

އެހެންނަމަވެސް އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ ލޯނުތަކާ ގުޅޭ އިތުރު ތަފްސީލު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން ޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

ރާއްޖެއަށް ސައުދީ ފަންޑުން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ 1970ގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ. އޭގެ ފަހުން ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ސައުދީގެ އެހީތެރިކަން ލިބެއެވެ.

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން ނަގާފައިވާއިރު، މިދިޔަ ސަރުކާރުގައި ލޯނު ނަގައިގެން މަޝްރޫއުތައް ހިންގާފައިވާތީ މިހާރުގެ ރައީސާއި މި ސަރުކާރުގެ ވެރިން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި