ކ. މާލެ
|
26 ޖޫން 2024 | ބުދަ 09:50
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހިމް މުޙައްމަދު ސާލިޙު
ރާއްޖެއެމްވީ
އެމްޑީޕީގެ އަހަރީ ދުވަސް
އެމްޑީޕީގެ ކުރިމަގާ މެދު އާއްމު މެމްބަރުންނަށް ރައީސް ޞާލިޙުގެ މެސެޖެއް!
ރާއްޖޭގައި އޮތް ސިޔާާސީ ޕާޓީގެ ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ފައިދާ ވާނެ ކަންތައްތަކެއް ކޮށްދެއްވާނީ ދެން ވެސް އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިމަގާ ގުޅޭ ގޮތުން އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޕާޓީގެ މެމްބަރުންނަށް ހިތްވަރު ގަދަ މެސެޖެއް ދެއްވައިފި އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، އެމްޑީޕީގެ ނަވާރަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ މި ފާއިތުވި ނަވާރަ އަހަރުގެ ތެރޭގައި އެމްޑީޕީން ކާމިޔާބީތަކެއް ހޯދާފައިވާނެ ކަމަށެވެ. އެއާއެކު އެމްޑީޕީ އަށް ހުރަސްތަކެއް ވެސް ކުރިމަތިވި ކަމަށާއި، ހިތާމަވެރި ދުވަސްތަކެއް ވެސް ކުރިމަތިވިކަން ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ޚާއްސަކޮށް އެމްޑީޕީ މުޅިން ރޫޅިގެން ހިނގައިދާނެ ކިތަންމެ މަންޒަރެއް ފެނުނު ވަގުތު ދިޔަ ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެހެން ސިޔާސީ ޕާޓީތަކާ ޚިލާފަށް ނަވާރަ އަހަރު ވަންދެން އެމްޑީޕީ ދެމި އޮތްކަން ރައީސް ޞާލިޙު ވިދާޅުވި އެވެ.

އިތުރަށް ރައީސް ޞާލިޙު ވިދާޅުވީ، އެމްޑީޕީ އަކީ ފިކުރެއް ކަމަށާއި، އެއީ ވަކި މީހެއް ޕާޓީއެއް ނޫން ކަމަށެވެ. މިހާ ހިސާބަށް އެމްޑީޕީ އައުމުގެ އެއް ސަބަބަކީ ވެސް އެއީ ކަމުގައި ރައީސް ޞާލިޙު ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް ވެސް އެމްޑީޕީގެ މުސްތަޤުބަލު އޮތް ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ޒަމާނާ އެއް ގޮތަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ޞާލިޙު ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގެއްލުމުން، ޕާޓީ ތަކަށް އައި ހީނަރުކަމަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމުން އޭރުގެ އިދިކޮޅު ޕާޓީ އަށް ވެގެން ދިޔަ ގޮތް ރައީސް ޞާލިޙު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ޕާޓީ އަށް ސިޔާސީ މައިދާނަށް ނިކުލެވުނީ ވެސް އެއް އަހަރު ފަހުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެއާ ޚިލާފަށް، މިއަދު ވެސް އެމްޑީޕީ ގަދަކޮށް މަސައްކަތް ކުރަމުންދާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ހަގީގީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ޖުލައި މަސް ފެށުމާއެކު ޕާޓީގެ ފަރާތުން މިހާރަށްވުރެ ގިނައިން މީޑިއާތަކާ ބައްދަލުކޮށް މައުލޫމާތު ޙިއްސާ ކުރާނެ ކަމުގައި ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ މެމްބަރުން އުންމީދު ދޫކޮށްނުލަށް އެެދިވަޑައިގަންނަވާ ކަމަށާއި، ޕާޓީ އާއެކު ކުރިއަށް ވަޑައިގަތުމަށް ރައީސް ޞާލިޙު ވަނީ އެދިވަަޑައިގެންފަ އެވެ. ރާއްޖޭގައި އޮތް ސިޔާާސީ ޕާޓީގެ ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ފައިދާ ވާނެ ކަންތައްތަކެއް ކޮށްދެއްވާނީ ދެން ވެސް އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުންމީދު ދޫކޮށް ނުލައްވައްޗޭ އަޅުގަނޑު ދަންނަވާނީ. ޕާޓީ އާއެކު ކުރިއަށް ވަޑައިގަންނަވާށޭ. މިއީއޭ ރާއްޖޭގައި އޮތް ޕާޓީ ނިޒާމު ދަމަހައްޓައި، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް އަދި ވެސް ކޮށްދޭނެ ޕާޓީ އަކީ މިއީ. ރިޔާސަތު ބަދަލު ވެދާނެ. ލީޑާޝިޕް ބަދަލު ވެދާނެ. އެހެން ނަމަވެސް ޕާޓީގެ ސިޔާސަތުތައް ހިފައިގެން ކުރިއަށް ދާނެ ޕާޓީ.
އިބްރާހީމް މުޙައްމަދު ޞާލިޙު / ރާއްްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެޑްވައިޒަރު

މަލްޓި ޕާޓީ ސިސްޓަމް ރާއްޖެ އަށް ތައާރަފް ވުމާއެކު، އެންމެ ފުރަތަމަ އުފެދިގެން ދިޔަ ޕާޓީ އަކީ އެމްޑީޕީ އެވެ. އެމްޑީޕީ އުފަން ވެފައި ވަނީ، 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ އެމްޑީޕީ އެވެ. އިލެކްޝަން ކޮމިޝަންގެ ދަފުތަރު ދައްކާ ގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގައި 51،516 (ފަންސާސް އެއް ހާސް، ފަސްސަތޭކަ ސޯޅަ) މެމްބަރުން އެބަ ތިއްބެވެ.

އެމްޑީޕީން ވަނީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމްޑީޕީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދައިފަ އެވެ. 2023 ވަނަ އަހަރުގެ ވަކި ހިސާބަކުން އެމްޑީޕީ ދެބައިވެގެން ދިޔައިރު ވެސް، މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގަ އެވެ.

އޭގެ ފަހުން 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި، މިއަހަރު އޮތް ރައްޔިތުންގ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން ޕާޓީގެ ކުރިމަގާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު، އެމްޑީޕީން އަންނަނީ އަލުން ޕާޓީގެ މަސައްކަތްތައް އެކުލަވާލައި، ސިޔާސީ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭންތަކެއް އެކުލަވާލަމުން ކަމަށް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓް