ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:57
ޑެންމާކާއި ސާބިއާ ކުޅުނު މެޗުގެ ތެރެއިން
ޑެންމާކާއި ސާބިއާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔޫރޯ 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
ގްރޫޕް ސްޓޭޖުގައި ޑެންމާކު ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާއާ އެއްވަރުކޮށް، ގްރޫޕްގެ ދެ ވަނަ ހޯދައިގެން ޑެންމާކުން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ސާބިއާއާ ދެކޮޅަށް ނިކުތްއިރު، އޭގެ ކުރިން ގްރޫޕް ސްޓޭޖުގައި އިންގްލެންޑު އަދި ސްލޮވޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޑެންމާކު ވަނީ އެއްވަރުވެފަ އެވެ. ސާބިއާ ކުޅުނު އެއް މެޗުން ބަލިވެފައި އޮތްއިރު، އަނެއް މެޗުން އޮތީ އެއްވަރުވެފަ އެވެ.

ޑެންމާކާއި ސާބިއާ ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ޑެންމާކުން ރަނގަޅަށް ކުޅެފައިވާއިރު އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. ޑެންމާކަށް ލީޑު ނަގައިދޭން އެ ޓީމުގެ ޔަކީމް މޭލާ، ކްރިސްޓިއަން އެރިކްސަން އަދި ރަސްމުސް ހޮލުންޑަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގައި ސާބިއާގެ ޑޫސާން ވްލާހޮވިޗް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. އޭގެ އިތުރުން ކުލަބު ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޑެންމާކަށް ވަނީ ގްރޫޕް ސީގެ ދެ ވަނަ ލިބިފަ އެވެ. އެއޫ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ ސާބިއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް