ކ. މާލެ
|
26 ޖޫން 2024 | ބުދަ 07:29
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖެހުން
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖެހުން
ރޮއިޓާސް
ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖެހުން
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި
ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް މުޒާހަރާ އަށް ނުކުތް މީހުން ކޮންޓްރޯލް ނުވެ، ފުލުހުން ބަޑި ޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައި. މުޒާހަރާ ކުރާ މީހުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އިސްތިއުފާދީ ގައުމުގެ ރައީސްވެސް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް.

ކެންޔާގެ ގާނޫނު ހަދާ މަޖިލީހުން ޓެކްސް ބޮޑު ކުރާ ބިލެއް ފާސްކުރުމުން ރައްޔިތުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ، އަންގާރަ ދުވަހު އިމާރާތުގައި ހުޅު ޖަހައިފިއެވެ.

ރުޅިވެރިކަމާ އެކު މަޖިލިސް ކުރާ ގެއަށް ވަންނަން އައި މީހުންނާ ދިމާލަށް ފުލުހުން ވަނީ ބަޑިޖަހާފައެވެ.

މަންޒަރުތަކުން އިމާރާތުގައި ރޯވެ ދުން އަރަމުންދާ ތަން ފެނެއެވެ. ފުލުހުންނަށް ކޮންޓްރޯލް ނުވެ އެއްބަޔަކު އިމާރާތުގެ ތެރެއަށް ވަދެގަނެ، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން ބިލަށް ތާއީދު ކޮށް ވޯޓު ދިން މެމްބަރުންނަށްވެސް މުޒާހަރާ ކުރާ މީހުންވަނީ ހަމަލާ ދީފައެވެ.

މުޒާހަރާ ކުރާ މީހުން މައިތިރި ކުރަން ފުލުހުން ކަރުނަ ގޭހާއި ފެން ޖަހަމުން ދިޔަ ނަމަވެސް ފުލުހުންނަށް މީހުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 10 މީހުން ވަނީ މަރުވެފައެވެ. 50ށް ވުރެ ގިނަ މީހުން ބަޑިޖެހުމުގެ ސަބަބުން ވަނީ ޒަޚަމްވެފައެވެ.

މުޒާހަރާގެ ބައިވެރިއަކު ރޮއިޓާސް އާ ވާހަކަ ދައްކަމުން ބުނީ، އެމީހުން ބޭނުންވަނީ މަޖިލިސް ބަންދުކޮށް ހުރިހާ މެމްބަރުން އިސްތިއުފާދީ އައު ސަރުކާރެއް ކެންޔާއަށް ގެންނާށެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގެ އިތުރުން އެހެން ސިޓީތަކުގައިވެސް މި ބިލާ ގުޅިގެން ހަމަނުޖެހުން ހިނގި ކަމަށް ޚަބަރުތައް ބުނެއެވެ.

އަންގާރަ ދުވަހު ހަމަ ނުޖެހުން ހިނގިއިރު މަޖިލީހުން ވަނީ ޓެކްސް ބޮޑު ކުރުމުގެ ބިލުގެ ތިންވަނަ ކިޔުން އިއްވާ ފާސްކޮށްފައެވެ. ދެން އޮންނާނީ ބިލު ތަސްދީގު ކުރުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ކެންޔާގެ ރައީސަށް ފޮނުވުމެވެ.

ކެންޔާ ސަރުކާރުން ޓެކްސް ބޮޑު ކުރާތީ އާންމުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ދިރިއުޅުމުގެ އަގުތައް މައްޗަށް ގޮސްފައިވާ ކެންޔާގެ ރައްޔިތުން ބުނާ ގޮތުގައި އިތުރަށް ޓެކްސް ބޮޑު ކޮށްފިނަމަ އެމީހުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ދަށްވެގެން ދާނެއެވެ.

މައްސަލަ ހޫނުވެ، މުޒާހަރާ ކުރާ މީޙުން ބޭނުންވަނީ އެ ގައުމުގެ ރައީސް ވިލިއަމް ރޫޓޯ އިސްތިއުފާ ދެއްވުމަށެވެ.

ރޫޓޯ ކެންޔާގެ ވެރިކަމަށް ވަޑައިގަތީ ގާތްގަނޑަކަށް މީގެ 2 އަހަރު ކުރިން ފަގީރުންގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ކެމްޕޭންގައި ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރަން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކެންޔާ ސަރުކާރަށް މަޖުބޫރު ކުރަމުންދަނީ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑު ކުރަން ހުށަހެޅުން ވެގެން ދިޔައީ ރައްޔިތުންގެ ރުޅި ފަޅައިގެން ދިޔަކަމަކަށެވެ.

ކެންޔާ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ މަގްސަދެއް ކަމަށް ބުނަނީ ދަރަނި ކުޑަކުރުމަށް ޓެކްސް ބޮޑު ކޮށްގެން އިތުރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު ހޯދުމެވެ. ދަރަނި ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާ ކެންޔާގެ އާމްދަނީގެ 37 އިން ސައްތަ ހޭދަ ކުރަން ޖެހެނީ ދަރަންޏާ އިންޓަރެސްޓް ދެއްކުމަށް ކަމަށްވެއެވެ.

ޓެކްސް ބޮޑު ކުރުމާމެދު ރައްޔިތުން ރުޅިވެރިކަން ފާޅު ކުރަން ފެށުމުން ސަރުކާރުން ބުނެފައިވަނީ، ޕާނާއި ކުކިންގ އޮއިލް އާއި، ކާރުން ޓެކްސް ބޮޑު ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެވަރުން ރައްޔިތުން އަދި ހިތްހަމަ ޖެހޭ ގޮތް ވަނީ ނުވެފައެވެ.

އަންގާރަ ދުވަހު ހޫނުވެގެން ދިޔަ މުޒާހަރާ ވެރިރަށް ނައިރޯބީ އާއި އެހެން ބޮޑެތި ސިޓީތަކުގައި މީގެ ދެ ދުވަސް ކުރިން ފެށުނީ ސުލްހަ ވެރިކަމާ އެކުގައި ކަން ފާހަގަ ކުރެވެއެވެ. ކެންޔާގެ ރައީސް ވަނީ އެކަން ފާހަގަ ކުރައްވާ، މުޒާހަރާ ކުރާ ފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް، މުޒާހަރާގެ ފޯކަސް މަޖިލީހުގައި ބަހުސް ކުރަމުންދިޔަ ފައިސާގެ ބިލުން ބޭރަށް ފުޅާވެ، ރައީސްގެ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުން ދިޔައެވެ. އެންމެ ފަހުން މުޒާހަރާ ހޫނުވެ ކޮންޓްރޯލު ނުކުރެވޭ ހިސާބަށް ކަންކަން ދިޔަކަން ފާހަގަ ކުރެވެއެވެ.

ހަމަ ނުޖެހުންތަކާ ގުޅިގެން ކެންޔާގެ ރައީސް ވަނީ އަންގާރަ ދުވަހު ގައުމާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކައިގައި ހަމަ ނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

މި ވޯޓުގައި ބައިވެރި ނުވެ އިދިކޮޅު ޕާޓީތަކުން މަޖިލީހުގެ ތަޅުމުގައި ގެންދިޔައީ އިހްތިޖާޖު ކުރަމުންނެވެ.

- ކޮމެންޓް