ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:36
ބަކާ (ކ) ކޯޗު ނިޒާމް އާއި ފޯވަޑް ފޭދޫ އިއްބެ (ވ) އާއެކު ސާފް ޗެމްޕިއަންޝިޕް ތަށި ދައްކާލަނީ
ބަކާ (ކ) ކޯޗު ނިޒާމް އާއި ފޯވަޑް ފޭދޫ އިއްބެ (ވ) އާއެކު ސާފް ޗެމްޕިއަންޝިޕް ތަށި ދައްކާލަނީ
ފޭސްބުކް
މުހައްމަދު އާރިފް (ބަކާ)
ބަކާ: ސާފް ޗެމްޕިއަންޝިޕުގެ ތާރީހާ ގުޅިފައިވާ ގައުމީ ބަތަލެއް
އޭނާ އަކީ ގައުމީ ބަތަލެކެވެ. އުމުރުން 38 އަހަރުގައި ދެމި އޮތުމުގެ އާލަމަށް ދަތުކުރި ކުޅުންތެރިޔާގެ ކާމިޔާބު ތަށި ހަރުގަނޑުގައި އޭނާ އަށް ފަހު އަންނާނެ ޖީލަށް އިބުރަތަކަށްވާނެ ފަސް މެޑަލްތަކެއް އެބައޮތެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރުވިއިރު ސްލޮވާކިޔާގެ ކޯޗު ޖޯސެފް ޔަންކޭ އެ ދުވަސްވަރު އެންމެ ބޭނުންވީ މެދުތެރެއިން ވަރުގަދައަށް ކުޅޭނެ މޮޅު ކުޅުންތެރިއެކެވެ. ސަބަބަކީ ސަރަހައްދީ ގައުމުތައް ވަރުގަދަކަމުންނެވެ. ޖިސްމާނީ ގޮތުން ވަރުގަދަ، އިސްކޮޅުން ދިގު ކުޅުންތެރިން އިދިކޮޅު ޓީމުތަކުގައި ތިބުމުންނެވެ.

ކޯޗު ޔަންކޭގެ ލޮލުގައި އެދުވަސްވަރު ބަކާ އަޅައިގަތީ ވެލެންސިއާގެ މެދުތެރޭގައި އޭނާ ދެއްކި މޮޅު ކުޅުމުންނެވެ. ގައުމީ ޓީމަށް ނެގިއިރު އޭނާގެ އުމުރަކީ 22 އަހަރެވެ. އެކަމަކު މެލޭޝިޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ކޯޗު އަޖުމަ ބަލާލުމަށް ބަކާ ލައްވައި މެދުތެރެއަށް ކުޅުވި އެވެ. އެއަށްފަހު ބުނީ މިހެންނެވެ.

ރަނގަޅަށް ފަރުވާ ބަހައްޓައިގެން ޕްރެކްޓިސް ކޮށްފިނަމަ ގައުމީ ޓީމުގެ މެދުތެރެއާ އޭނާ ހަވާލުވާނެ. އޭނާ އަށް މެދުތެރެ ބެލެހެއްޓިދާނެ. އިސްކޮޅު އެބަހުރި، ވަރުގަދަ، އޭނާ އަށް އިދިކޮޅު ކުޅުންތެރިޔާ ހުއްޓުވަން އެނގޭ. އެކަމަކު މި މުބާރާތުގައި (ސާފް ޗެމްޕިއަންޝިޕުގައި) އޭނާ ކުޅުވާނެކަން އަހަރެންނަށް ޔަގީނެއްނޫން.
ކުރީގެ ގައުމީ ކޯޗު ޖޯސެފް ޔަންކޭ
ބަކާ (ވ) އިމްރާނާއި ޝިނާޒް ހިލްމީއާއެކު 2008ގެ ސާފް ޗެމްޕިއަންޝިޕް ތަށި ދައްކާލަނީ - ފޭސްބުކް

ތެދެކެވެ. ސާފް ޗެމްޕިއަންޝިޕް 2008 މާލޭގައި ކުޅުނުއިރު ބަކާ އިނީ ބެންޗުގަ އެވެ. އެކަމަކު ލީޑު ލިބި މެޗުގެ ފަހު ބަޔަށް އެޅުމުން ދިފާއަށް އިސްކަންދޭން ޖެހުނު ހިނދު ކޯޗު އާއްމުކޮށް ކުޅެން ނެރޭ ކުޅުންތެރިއަކީ ބަކާ އެވެ. ޕާކިސްތާނާއެކު ރާއްޖެ ކުޅުނު މެޗާއި ސެމީ ފައިނަލް މެޗުގައި ލަންކާ ބަލިކުރި މެޗުގެ އިތުރަށް އިންޑިއާ ބަލިކޮށް ރާއްޖެ ތަށި ހޯދި މެޗުގެ ފަހު 15 މިނިޓްގައި ރާއްޖޭގެ ޑިފެންޑަރުގެ ކުރިމަތިން އިދިކޮޅު ޓީމު ހުއްޓުވަން އިސްކޮށްހުރި ކުޅުންތެރިއަކީ ބަކާ އެވެ.

އޭގެ އަހަރެއް ފަހުން ފެށިގެން ގައުމީ ޓީމުގެ ފުރަތަމަ 11ގައި ގަވާއިދުން ކުޅެން ފަށައި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ ކުޅެނެވެ. މިހެންވެ ބަކާ ވެގެންދިޔައީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކުރި ދިވެހި ދެ ކުޅުންތެރިންގެ އެއް ކުޅުންތެރިޔާ އަށެވެ.

ބަކާ (ވ) ރައީސް މައުމޫންގެ އަތްޕުޅުން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ސަރުކާރުން ދެއްވި އިނާމް ލިބިގަންނަނީ - ފޭސްބުކް

އޭނާ އަކީ ގައުމީ ބަތަލެކެވެ. އުމުރުން 38 އަހަރުގައި ދެމި އޮތުމުގެ އާލަމަށް ދަތުކުރި ކުޅުންތެރިޔާގެ ކާމިޔާބު ތަށި ހަރުގަނޑުގައި އޭނާ އަށް ފަހު އަންނާނެ ޖީލަށް އިބުރަތަކަށްވާނެ ފަސް މެޑަލްތަކެއް އެބައޮތެވެ. ދެ ރަން މެޑަލް އާއި ރިހިމެޑެއްޔަކާއި ދެ ރަންވަންލޯ މެޑަލް އޭނާ ހާސިލްކުރީ ފުޓްބޯޅަ ދަނޑުގައި ގައުމުގެ އެންމެ ވަރުގަދަ ދިފާއީ އައްޑައިގެ ގޮތުގައި ސާބިތުވެ ހުރެ އެވެ.

ބަކާ އަކީ ތާރީހީ ކުޅުންތެރިއެކެވެ. ސާބިތުކަމާއެކު ގައުމަށް ހިދުމަތްކުރި ކުޅަދާނެ ފަހުލަވާނެކެވެ. ރިވެތި އަހުލާގެއްގެ ވެރިއެކެވެ. ކުޅޭ ޓީމަކަށް ލޯތްބާއި އިހްތިރާމާއެކު ކާމިޔާބު ހޯދައިދިން އަގުހުރި ހުނަރުވެރިއެކެވެ. އޭނާ ނެތުމަކީ ދިވެހި ފުޓްބޯޅައިން އެއް ފިތުން ވައިދޫވުން ފަދަ ކަމެކެވެ. ބޮޑު ހުސްކަމެކެވެ. ދިވެހި ފުޓްބޯޅަ އާއިލާ އަށް ވެރިވި ބޮޑު ހިތާމައެކެވެ. މާތް ﷲ ބަކާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވައި ގަބުރު އަޒާބުން ރައްކާތެރިކުރައްވުން އެދި ދުއާކުރަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް