ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:46
މުހައްމަދު އާރިފް (ބަކާ) ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް (ކ)ދެއްވަނީ
މުހައްމަދު އާރިފް (ބަކާ) ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް (ކ)ދެއްވަނީ
ފޭސްބުކް
މުހައްމަދު އާރިފް (ބަކާ)
ބަކާގެ ކުއްލި ވަކިވުމުން އެތައް ބަޔަކު ރޮއްވާލައިފި
ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ އެއީ ފަހުގެ ތާރީހެއްގައި ދިވެހި ފުޓްބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ ފުޓްބޯޅައިގައި ދިވެހިރާއްޖެ އަށް ހޯދުނު މުހިންމު ކާމިޔާބުގެ މުހިންމު ހިއްސާދާރު ކަމަށެވެ.

ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ)ގެ ކުއްލި ވަކިވުމާއެކު މުޅި ފުޓްބޯޅަ އާއިލާ ރޮއްވާލައިފި އެވެ.

އުމުރުން 38 އަހަރުގައި އޭނާ ވަކިވުމާއެކު ހިތާމައިގެ ޝުއޫރުތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލައިފަ އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ އެއީ ފަހުގެ ތާރީހެއްގައި ދިވެހި ފުޓްބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ ފުޓްބޯޅައިގައި ދިވެހިރާއްޖެ އަށް ހޯދުނު މުހިންމު ކާމިޔާބުގެ މުހިންމު ހިއްސާދާރު ކަމަށެވެ.

މުހައްމަދު އާރިފް (ބަކާ) - ފޭސްބުކް

ބަކާ ގިނަ ކާމިޔާބީތަކެއް ހޯދި ކްލަބް ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނީ ވަކިވެގެންދިޔައީ ކުލަބުގެ އަގުހުރި ލެޖެންޑެއް ކަމަށެވެ. އަދި ފުޓްބޯޅަ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިން ހިދުމަތްތެރިއެއް ކަމަށެވެ.

މުހައްމަދު އާރިފް (ބަކާ) - ފޭސްބުކް

ކްލަބް ވެލެންސިއާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި މެނޭޖަރު އަބްދުﷲ ޝިބާއު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އާއިލާ އަށް ގެއްލިގެން އެދިޔައީ އެންމެ އަގުހުރި އެއް ލެޖެންޑް ކަމަށެވެ.

ބަކާ އަކީ ވެލެންސިއާ އަށް ވަރަށް ގިނަ ކާމިޔާބބީ ހޯދައިދިން ކުޅުންތެރިއެއް. އެހެން ގިނަ ކުލަބުތަކަށް ވެސް މޮޅަށް ކުޅެ ކާމިޔާބު ހޯދި. ގައުމީ ޓީމުގެ އެންމެ ފަހުރުވެރި ކާމިޔާބީގެ ބޮޑު ހިއްސާދާރެއް. އެއީ ގައުމުގެ އެންމެ ވަރުގަދަ އެއް ލެޖެންޑް. އަހަރެންގެ ހިތުގެ އިހްލާސްތެރި ތައުޒިޔާ އާއިލާ އާއި ރަހުމަތްތެރިންނަށް ފޮނުވަން. ﷲގެ މަތިވެރި ފުއްސެވުމާއި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
ބަކާ ކުޅުނުއިރު ވެލެންސިއާގެ މެނޭޖަރުކަން ކުރި ޝިބާއު
ބަކާ (ވ) ވެލެންސިއާ ޓީމާއެކު ފަރިތަކުރަނީ - ފޭސްބުކް

ގައުމީ ޓީމުގައި އޭނާގެ ރޫމް މޭޓެއްގެ ގޮތުގައި ވަރަށް ގިނަ ފަހަރު އެކުގައި ހޭދަކުރީ މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އެވެ. އެފްއޭއެމުގެ ކުރީގެ ރައީސް ވިދާޅުވީ ބަކާ ނިޔާވުމަކީ ފުޓްބޯޅަ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

މުހައްމަދު އާރިފް (ބަކާ) - ފޭސްބުކް

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަކާ ނިޔާވުމަކީ ހީވެސްނުކުރާހާ ބޮޑު ދެރައެއް ކަމަށެވެ. އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ގެއްލިގެންދިޔައީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. ބަކާއާއެކު ގައުމީ ޓީމަށް ކުޅެ، 2018 ވަނަ އަހަރުގެ ތަށި ހޯދި ކެޕްޓަން އަކްރަމް އަބްދުލްގަނީ ސޯޝަލް މީޑިއާގައި ބުނީ "ވަކިވީ އެންމެންގެ ގާތް އަޚެއް،" އަދި ދުނިޔޭގައި ދިރިއުޅެމުންދިޔަ ހެޔޮލަފާ އަޅެއް،" ކަމަށެވެ.

މުހައްމަދު އާރިފް (ބަކާ) - ފޭސްބުކް

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ކެޕްޓަން އައްސަދު އަބްދުލްގަނީ އޭނާގެ ފޭސްބުކުގައި ފަލަސްތީނުގެ ގާޒާ ފަންޑަށް ފައިސާ ހޯދަން ބޭއްވި ޓެލެތޯންގައި ބަކާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނީ މިހެންނެވެ.

ހިތާމަވެރި ދުވަހެއް. ނަމަވެސް މަތިވެރި ވަކިވެދިއުމެއް. އެކިއެކި ހެޔޮކަމުގެ ޕްރޮޖެކްޓްތަކުގައި އަޅުގަނޑާއެކު ބަކާ ބައިވެރިވި. 2014 ވަނަ އަހަރުން ފެށިގެން އެކިއެކި މިފަދަ މަސައްކަތްތަކުގައި ބައްދަލުވެ އުޅުނު.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ކެޕްޓަން އައްސަދު އަބްދުލްގަނީ
މުހައްމަދު އާރިފް (ބަކާ) - ފޭސްބުކް

ބަކާ ފުޓްބޯޅަ އަށް ނެރެދިނުމުގައި އެންމެ ފުރަތަމަ އަޅައިދިނީ މަޝްހޫރު ކޯޗު އަހުމަދު ޝަރީފް (ޑުންގާ) އެވެ. ގާތް އެކުވެރިޔާ ނިޔާވުމާއެކު ޑުންގާ ހަނދާން އާކުރީ އޭއެފްސީ ޗެލެންޖްކަޕުގެ ފޮޓޯއަކުންނެވެ.

(ކ-ވ) ނާއްޓޭ، ބަކާ، ޑުންގާ އަދި ބޮންޑާ
މިހާރު ވެސް ހަނދާނުގައި އެބަހުރި. 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދައި އޭނާ އަށް ލިބުނު މެޑަލް ހިފައިގެން އައިސް ބުނީ މިއީ ތިމަންނަގެ އެއްޗެއްނޫނޭ. މިއީ ކޯޗަށް ލިބުނު އެއްޗެކޭ. އެހެންކިޔާފައި އަހަރެންގެ ކަރުގައި އެ މެޑަލް އެޅުވީ.
މަޝްހޫރު ކޯޗު އަހުމަދު ޝަރީފް (ޑުންގާ)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް