ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 19:29
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ
ޓްވީޓަރ
މުޙައްމަދު އާރިފް (ބަކާ)
ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް
އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ ކުއްލި އަކަށް ހުންގަދަވެ އޭޑީކޭ ހޮސްޕިޓަލިގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، ބަކާގެ އާއިލާ އަށް ތައުޒިފާ ފޮނުއްވައިފި އެވެ.

ރާއްޖޭގެ ޤައުމީ ޓީމާއި، ގިނަ ކުލަބުތަކަށް ކުޅެފައިވާ ދިވެހި ފުޓުބޯޅައިގެ ލެޖެންޑު، ބަކާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ ކުއްލި އަކަށް ހުންގަދަވެ އޭޑީކޭ ހޮސްޕިޓަލިގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބަކާ ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، އަދި ވަކިން ޚާއްޞަކޮށް ފުޓްބޯޅަ އަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތު ބަކާގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށާއި، ބަކާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުއާ ކުރާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުޢިއްޒުގެ އިތުރުން ނައިބު ރައީސް ޙުސެއިން ވަނީ ބަކާގެ އާއިލާ އަށް ތައުޒިފާ ފޮނުއްވައިފަ އެވެ. އެކްސްގައި ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ ނިޔާވި ޙަބަރު އެހީ ކުއްލި ހައިރާން ކަމާއެކު ކަމަށެވެ. އަދި ބަކާގެ ޢާއިލާ އަށް ތަޢުޒިޔާ ދަންނަވާ ކަމަށާއި، މާތްﷲ ބަކާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވެން އެދި ދުޢާ ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބަކާ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް، ބަކާގެ އާއިލާ އަށް ތައުޒުފާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިތުރުންް ބަކާ ކުޅެފައިވާ ކުލަބުތަކާއި، ބަކާ އާއެކު ޤައުމީ ޓީމު އަދި ކުލަބުތަކަށް ކުޅެފައިވާ ކުޅުންތެރިންގެ އިތުރުން، ކޯޗުންނާއި ފުޓުބޯޅަ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ.

ބަކާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އިތުރުން، ގިނަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. ރާއްޖެ އިން 2008 ވަނަ އަހަރާއި، 2018 ވަނަ އަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރި ޓީމުގައި ވެސް ބަކާ ހިމެނެ އެވެ. އެ މުބާރާތުގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި ބަކާ ވަނީ މުހިންމު ދައުރެއް ވެސް އަދާ ކޮށްފަ އެވެ.

ބަކާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވިކްޓަރީ، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް