Advertisement
ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 19:36
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި ގިނަ ދޯނިތަކުގައި ތިބި ދިވެހިން މަސްވެރިކަމާއި ދުރަށްދާކަމަށް ސިނާއަތުގެ ތަޖުރިބާކާރުން ބުނޭ
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި ގިނަ ދޯނިތަކުގައި ތިބި ދިވެހިން މަސްވެރިކަމާއި ދުރަށްދާކަމަށް ސިނާއަތުގެ ތަޖުރިބާކާރުން ބުނޭ
ރާއްޖެއެމްވީ
މަސްވެރިކަމުގެ ސިނާއަތު
ދޯނި ފަހަރުގެ އާމްދަނީ ދަށްވެ މަސްވެރިއާއަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހުމުގެ ސަބަބުން ސިނާއަތާއި ދުރަށްދާ މީހުން އިތުރު - އެމްއެސްޕީއީއޭ
އެހެނިހެން ފިޝިންގ ގިއަރ ބޭނުންކޮށްގެން މަސްވެރިކަން ކުރާ ބޭރުގެ ކޮމްޕެޓިޓަރުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވޭ
ފެކްޓްރީތަކަށް ބޭނުންވާ، ސައިޒާއި ކޮލިޓީގެ މަސް ނުލިބުމުގެ ސަބަބުން، ފެކްޓްރީ ހިންގުމަށް ދަތިވެ ދެކޮޅު ނުޖެއްސިގެން ބައެއް ފެކްޓްރީތައް ބަންދުކޮށްފި

ދޯނި ފަހަރުގެ އާމްދަނީ ދަށްވެ މަސްވެރިއާއަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހުމުގެ ސަބަބުން ސިނާއަތާއި ދުރަށްދާ މީހުން އިތުރުވަމުންދާ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނެފިއެވެ.

ރާއްޖޭގެ ޓޫނާ ސިނާއަތުގެ ދެމެހެއްޓެނެވިކަމައި އިގްތިސާދީ ގޮތުން ކުރިއެރުން ކަށަވަރުކުރުމަށް މަސައްކަތް ކުރާ މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) ބުނީ ދިވެހިރާއްޖޭގެ ހޭންޑްލައިން ޔެލޯފިން ޓޫނާ އާއި ޕޯލް އެންޑް ލައިން ސްކިޕްޖެކްގެ މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި އެހެނިހެން ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ގިނަ ޒުވާނުންގެ ޝައުގުވެރިކަން އެހެން ދާއިރާތަކަށް ބަދަލުވެ، މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ވަޒީފާގެ ޝައުގުވެރިކަން ކުޑަވަމުން އަންނަ ކަމަށެވެ. އަދި މިހެން ދިމާވަމުންދާ ސަބަބުތަކުގެ ތެރޭގައި ތަޖުރިބާކާރު ހުނަރުވެރި ކެޔޮޅުން މަދުވަމުން ދިއުމުގެ ސަބަބުން، ވަރަށް ގިނަ ދޯނި ފަހަރުގެ އާމްދަނީ ދަށްވެ މަސްވެރިއާއަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހުމާއި މަސްވެރިކަމާއި ދޭތެރޭ ޖުމްލަގޮތެއްގައި މުޖްތަމައު ދެކެމުން އައި ފަހުރުވެރޮގޮތް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވުން ހިމެނޭ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރު ހޭންޑްލައިން ޔެލޯފިން މަސްވެރިކަމުގައި 350 އުޅަނދު ހަރަކާތްތެރިވެފައިވާއިރު، މިއަދު މިއަދަދު ވަނީ ގާތްގަނޑަކަށް 100 ވަރަކަށް އުޅަނދަށް ދަށްވެފައި ކަމަށް ޖަމިއްޔާއިން ބުނެއެވެ. މި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތަކުގައި މިހާރުވެސް ގިނައީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި، އަދި ބައެއް އުޅަނދުތަކުގައި އެއްވެސް ދިވެހި ފަޅުވެރިއަކު ނެތްކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

Advertisement

ނަތީޖާއެއްގެ ގޮތުން މެދުކެނޑުމެއް ނެތި ލިބެމުންއައި ތާޒާ ޔެލޯފިން ޓޫނާގެ ސަޕްލައިއަށް ބަރޯސާވެފައިވާ ޕްރިސެސިން ފެކްޓްރީތަކަށް ވަނީ ވަރަށް ބޮޑު އަސަރެއްކޮށްފައި ކަމަށެވެ. އެގޮތުން މެދުކެނޑުމެއްނެތި ބޭރުގެ މަސްގަންނަފަރާތްތަކަށް ބޭނުންވާ ވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުން، ރާއްޖޭގެ މަހަށްލިބިފައިވާ މާކެޓް ޝެއަރ ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެހެނިހެން ފިޝިންގ ގިއަރ ބޭނުންކޮށްގެން މަސްވެރިކަން ކުރާ ބޭރުގެ ކޮމްޕެޓިޓަރުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށް ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފެކްޓްރީތަކަށް ބޭނުންވާ، ސައިޒާއި ކޮލިޓީގެ މަސް ނުލިބުމުގެ ސަބަބުން، ފެކްޓްރީ ހިންގުމަށް ދަތިވެ ދެކޮޅު ނުޖެއްސިގެން ބައެއް ފެކްޓްރީތައް ބަންދުކޮށްފައިވާއިރު، މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގެންނަންޖެހޭ ބަދަލު ނުގެނެވިއްޖެނަމަ، ދެންހުރި ފެކްޓްރީތައްވެސް ބަންދުކުރަންޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ.

ޖަމިއްޔާއިން ހުށަހަޅާ ކަންކަން:

  • ހުނަރުވެރި، ނަތީޖާ ނެރެވޭ ފެންވަރުގެ ކެޔޮޅުން އުފެއްދުން
  • މަސްވެރިކަމުގެ ސިނާއަތުގައި ދިވެހި ޒުވާނުން ބައިވެރިވުކުރުމަށް އަމާޒުކޮށްގެން ފުރިހަމަ ތަމްރީނު ޕްރޮގްރާމްތަކެއް ގާއިމްކޮށް ހިންގުން
  • ބާނާ މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް "އޮންބޯޑް ހޭންޑްލިންގ" އަށް ހާއްސަ ސަމާލުކަމެއްދިނުން. އަދި ތާޒާމަހުގެ މާކެޓަށް ބޭނުންވާ ސައިޒުގެ މަސްބޭނުމަށް ބާރުއެޅުން. އަދި ކަނޑުމަހުގެ މަސްވެރިކަމުގައި ބާނާ މަސް ރިޖެކްޓްވިޔަ ނުދިނުމަށް މަސްބޭނޭ ވަގުތުން ފެށިގެން މަސް ފިނިކޮށް ބެހެއްޓޫމުގެ ކަންތައްތަ އެންމެ ފުރިހަމައަށް ކުރުމާއި މިކަމާއި ބެހޭގޮތުން ތަމްރީނު ޕޮރޮގްރާމްތައް ހިންގުން
  • މަސްވެރިންނަށް ލިބެންޖެހޭ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވެންހުރި އެންމެހައި ކަންތައްތައް ހަމަޖައްސައިދިނުން
  • ދެމެހެއްޓެނިވި މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު "ފިޝިންގ ގިއަރ" ތައާރަފްކޮށް، މަސްލިބުމުގައި މެދުކެނޑުން މަދުކޮށް، ބޭރުގެ މަސްގަންނަ ފަރާތްތަކުން ރާއްޖޭގެ މަހަށް އޮންނަ އިތުބާރު ބޮޑުކުރުން. އަދި ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑުގެ މަސްވެރިކަމާއި ބެހޭ ކޮމިޝަން (އައިއޯޓީސީ) އިން ހަމަޖައްސާފައިވާ ގޮތުން ގައުމުތަކަށް މަސްބޭނޭ މިންބަރު ކަނޑައަޅަނީ އެގައުމުގެ ކެޗް ހިސްޓްރީއަށް ބަލާފައިކަމަށްވެފައި، ރާއްޖެއަށް މަސްބޭނޭ މިންވަރު ދަށްވުމަކީ ރާއްޖެއަށް މަސްވޭނުމަށް މިހާރު ދެވިފައިވާ ކޯޓާގެ މިންވަރު ގެއްލިދާނެކަމެއްކަމަށްވާތީ، މަސްވެރިކަމުގެ އެހެނިހެން ގިއަރ ތައާރަފްކޮށްގެންވިއަސް ރާއްޖެއަށް މަސްބޭނޭވަރު އިތުރުކުރުން
  • މަހުގެ އަގަކީ، ވާދަވެރި މިނިވަން ވިޔަފާރީގެ އުސޫލުން ނިންމަންޖެހޭ ނިންމުމަކަށްވުން
  • މަސްވެރިކަމުގެ ސިނާއަތުގައި ބޭރުގެ މަސައްކަތްތެރިން ގެންގުޅުމުގައި ހަރުދަނާ ގަވާއިދެއް ހެދިފައި އޮތުން

މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) ބުނީ މި ހައްލުތައް ތަންފީޒުކޮށްގެން، ދިވެހިރާއްޖޭގެ މަސްވެރިކަން އަލުން ދިރުވައި، އޭގެ ދެމެހެއްޓެނިވިކަމާއެކު، އަންނަންއޮތް ޖީލުތަކަށް ކާމިޔާބު ސިނާއަތެއްގެ ގޮތުގައި ފޯރުކޮށްދެވިދާނެ ކަމަށެވެ.

އަދި މަސްވެރިކަމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، ގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް ފާގަތި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި، ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރުމަށް އެމްއެސްޕީއީއޭއިން އަބަދުވެސް ދެމި އޮންނާނެކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް