ކ. މާލެ
|
9 ޖޫން 2025 | ހޯމަ 13:22
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް
ތިނަދޫގެ ކޯލްޑް ސްޓޯރޭޖް
ތިނަދޫ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ، މަސްވެރިން މާޔޫސްވެފައި: ސަނީފް
ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްވެ އެކަމުގައި ރައީސް މުއިއްޒު ކަންބޮޑުވުންފާޅު ކުރެއްވި
ކުރީ ސަރުކާރުގައި މަސްވެރިންނަށް ލުއިފަސޭހަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023 ގައި

ތިނަދޫ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މަސްވެރިން މާޔޫސްވެފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ސަނީފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިނަދޫ ސިޓީއެއްގެ ފެންވަރުގައި ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ. ތިނަދޫގެ ސަރަހައްދަކީ ވަރަށް ބޮޑަށް މަސްވެރިން ހަރަކާތްތެރިވާ ސަރަހަދަކަށްވާތީ މަސްވެރިންނަށް ލުއިފަސޭހަން ހޯދައިދިނުމަށް އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއެކު ތަަރައްގީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ސަނީފު ވިދާޅުވީ ހުވަދު އަތޮޅުގެ މަސްވެރިކަމުގެ ސަރަހައްދަކަށްވުމާއެކު، އިތުރު ކޯލް ސްޓޯރޭޖެއް ތިނަދޫގައި ގާއިމްކުރުމަށް ބިމެއް ހިއްކި ކަމަށާއި، އެ ސްޓޯރޭޖް ގާއިމް ކުރުމަށް ސާމާނާ، އެކިއެކި އާލަތްތައް ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ސަނީފު ވިދާޅުވީ ވެރިކަން ނިމިގެންދިޔައިރު، އެ މަޝްރޫއު އެއްކޮށް ނުނިމޭ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްވެ އެކަމުގައި އެމަނިކުފާނު ރިޔާސީ ކެންޕޭން ތެރޭގައި ކަންބޮޑުވުން ވެސް ފާޅު ކުރެއްވި ކަމަށެވެ.

ނަމަވެސް މިސަރުކާރާއެކު މިމަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ތިނަދޫގައި ގާއިމްކުރާ ތަނެއް އިނުމާއެކު އެމަސައްކަތް ފެށުމަށް މުޅިން އަލަށް ތިނަދޫގައި ބިމެއް ހިއްކީ. އެ ބިމުގައި ކޯލްޑް ސްޓޯރޭޖެއްގެ މަސައްކަތް ފެށިގެންދިޔައީ ވެރިކަން އަޅުގަނޑުމެންގެ ދައުރު ނިމެން ގާތްގަނޑަކަށް ބުނަންޏާ ދޮޅު އަހަރަށްވެފައި އޮއްވާ. އަޅުގަނޑުމެންނަށް އޭރު ބިން ހިއްކުމަށްފަހު އެއްއަހަރު ދުވަސް ވެރިކަމަށް ބާކީ އޮތުމާ ގުޅިގެން އަޅުގަނޑުމެންނަށް ކޯލްޑް ސްޓޯރޭޖަށް ގެންނަން ބޭނުންވާ ހުރިހާ އެއްޗެއް އެއީ ބްރެއިން ކަމަށް ވިޔަސް އަދި އެހެނިހެން ވަސީލަތްތައް ކަމުގައި ވިޔަސް މިހުރިހާ ސާމާނެއް ގެނެވި، ތިނަދޫގައި ގުދަން ކުރެވި، ޑިޒައިން ކުރެވި އިމާރާތުގެ މަސައްކަތް ބިން ހިއްކުމަށްފަހުގައި ބިމުގައި އިމާރާތުގެ މަސައްކަތް އޭރު އޮތީ ފެށިފައި. އެހެން ނަމަވެސް އެބޭފުޅާ މި ވިދާޅުވަނީ އެމަސައްކަތް ދާލެއް ލަސްކަމުން އެބޭފުޅާގެ ވެރިކަމެއްގައި އެކަން އަވަސް ކޮށްދެއްވާނަމޭ. ނަތީޖާއަކީ މިއަދު މިހިސާބަށް އައިރުގައި އެމަސައްކަތް ހުއްޓުނީ. އިތުރަށް އެއްވެސް ކަމެއް ނުވޭ. އޮތް ގޮތަށް ތަން އޮތީ.

ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ސަނީފު ވިދާޅުވިއިރު، 22 ސެޕްޓެންބަރު 2024 ގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެސިޓީގެ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ތިނަދޫ ސިޓީގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމައި، ޚިދުމަތްދޭން ފަށާނެ ކަމަށެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ ދޮށީ މަސްވެރިކަމުގެ މައި މަރުކަޒަށްވެފައި، ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ސަރަހައްދަށް ނިސްބަތްވާ ގިނަ އޮޑިފަހަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތާއި، ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތާއި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަހައްދެއްގައި ރ-ީއިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސައުދީ ޑެވެލޮޕްމެންޓް ފަންޑް(އެސްޑީއެފް) ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023 ގައެވެ.

- ކޮމެންޓް