ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:54
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ
ރޮއިޓާސް
ޔޫރޯ 2024
އިޓަލީ އަށް ނަތީޖާ އަނބުރާލެވޭނެ ކަމަށް ޤަބޫލު ކުރި މީހުން މަދު: ސްޕަލެޓީ
ކުޅުންތެރިންގެ ބޮލުގައި އެތައް ޕްރެޝަރެއް އޮތް ވަގުތެއްގައި ވެސް، ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު ހިތްވަރެއް ކަމަށް ސްޕަލެޓީ ވަނީ ފާހަގަކޮށްފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތިން ވަނަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ އަށް ނަތީޖާ އަނބުރާލެވޭނެ ކަމަށް ޤަބޫލު ކުރި މީހުން މަދު ކަމަށް، އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިކުތްއިރު، އިޓަލީ އަށް އޮތީ ބަލި ނުވެ ފަރުޖައްސާލައިގެން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ޔަގީން ކުރެވޭށެވެ. ނަމަވެސް އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކްރޮއޭޝިއާ އިންނެވެ. މެޗުން ކްރޮއޭޝިއާ މޮޅުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، އިޓަލީން ވަނީ ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ ހަމަހަަމަކޮށްފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ ކޯޗު ސްޕަލެޓީ ބުނީ، އެ ރޫޙުގައި މެޗުތައް ނިމުމުން، އެންމެނަށް ވެސް އުފާވެރި ޖޯޝެއް ގެނުވާނެ ކަމަށެވެ. މެޗުގެ ނަތީޖާ އަނބުރާލުމަށްފަހު، އިޓަލީ އަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދޭނެ ކަމަށް ޤަބޫލު ކުރި މީހުން މަދުވާނެ ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، އިޓަލީގެ ކުޅުންތެރިން ނެގީ ވަރަށް ރަަނގަޅު ރިސްކެއް ކަމަށް ސްޕަލެޓީ ބުންޏެވެ. ކުޅުންތެރިންގެ ބޮލުގައި އެތައް ޕްރެޝަރެއް އޮތް ވަގުތެއްގައި ވެސް، ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު ހިތްވަރެއް ކަމަށް ސްޕަލެޓީ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔައި، ހިތްވަރު ދޭން ބޭނުންވާ ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، އިޓަލީ އަށް އެންމެ ރަނގަޅަށް ނުކުޅެވުނުކަން ސްޕަލެޓީ ފާހަގަ ކުރި އެވެ. އިޓަލީ އަށް ކޮންމެ ވެސް ވަރަކަށް ގޯސްތަކެއް ހެދުނު ކަމަށާއި، އޭގެ ނަތީޖާ އަކަށްވީ ކްރޮއޭޝިއާ އިން ލަނޑު ޖަހައި ލީޑު ނެގުން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އިޓަލީގެ ކުޅުންތެރިން މެޗު އަނބުރާލީ ވަރަށް ރަނގަޅަށް ކަމަށް ސްޕަލެޓީ ދެކެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަންކަން އިތުރަށް ރަނގަޅު ކުރަން ޖެހޭނެ ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ ގަދަ 16 ޓީމާއެކު މުބާރާތުގެ ނޮކް އައުޓް ބުރަށް އިޓަލީން ކުރިމަތިލާއިރު، ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ގަދަ 16 ވަނަ ބުރުގެ މެޗުގެ ކުރިން ލިބޭ މުއްދަތުގައި އިޓަލީން އެކަންކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިޓަލީން އަލްބޭނިއާ ބަލި ކުރިއިރު، ދެ ވަނަ މެޗުގައި ސްޕެއިން އަތުން ވަނީ ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކޮށް، އިޓަލީން ވަނީ ގްރޫޕް ބީގެ ދެ ވަނަ ޖާގަ ހޯދައިފަ އެވެ. އެއާއެކު އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް