ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:51
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ފުއެންޓޭ ދެނީ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަޤީންކަން!
ޓީމުގައި ތިބި އެހެނިހެން ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނާ ހަމައަށް ޒިންމާ ނެގުން ދާނީ އޭނާ އަށް ފަހު ކަމަށް ފުއެންޓޭ ބުނި.

ސްޕެއިން ޤައުމީ ޓީމުން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަޤީންކަން، އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ދީފި އެވެ.

އޭނާ މިފަދައިން ވާހަކަ ދެއްކީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗަށްފަހު އެވެ. އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުންް ވެސް މޮޅުވެ، ސްޕެއިން އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ ފުރިހަމަ ރެކޯޑާ އެކު އެވެ.

ފުއެންޓޭ ބުނީ، ކޮންމެ މެޗަކަށްފަހު ޓީމުގެ ޑްރެސިން ރޫމުގައި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާ ކުރާ ކަމަށެވެ. އެގޮތުން އަބަދު ވެސް ހުރިހާ ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމުގައި އޭނާ ބުންޏެވެ. އެއަށްފަހު، ރަނގަޅު ކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކާ ކަމަށާއި، ރަނގަޅު ކުރެވޭ ގޮތްތަކަށް ވެސް މަޝްވަރާ ކުރާ ކަމަށް ފުއެންޓޭ ވަނީ ބުނެފަ އެވެ.

އެގޮތުންް ފުއެންޓޭ ބުނީ، އަބަދު ވެސް ކަންކަން ރަނގަޅު ކުރުމަށް އެންމެ ފުރަތަމަ އިސް ނަގާނެ މީހަކީ އޭނާ ކަމަށެވެ. ޓީމުގައި ތިބި އެހެނިހެން ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނާ ހަމައަށް އެކަން ދާނީ އޭނާ އަށް ފަހު ކަމަށް ފުއެންޓޭ ބުންޏެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ސްޕެއިނުން ކަންކަން ރަނގަޅު ކުރަމުން ދާނެ ކަމުގެ ޔަޤީންކަން ދޭން ބޭނުންވާ ކަމަށް ފުއެންޓޭ ބުންޏެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ އަލްބޭނިއާ މެޗަށް ނިކުތްއިރު ވެސް ސްޕެއިން އަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ޔަގީންވެފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، އެ މެޗުން ވެސް ބޭނުންވީ މޮޅުވާން ކަމަށް ފުއެންޓޭ ބުންޏެވެ. މެޗުގައި ސްޕެއިން އިން އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު، ފުއެންޓޭ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންްތެރިން ދައްކަމުން އަންނަ ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބުނު ޓީމުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިން އަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ވާހަކަ ދައްކައި، އެކަމަށް ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، މިއަދު އެންމެ އުހުގައި އޮންނަ ޓީމު، މާދަމާ އެ މަގާމުގައި ނޯވެ ދާނެ ކަމަށެވެ. އެހެންކަމުން ބޭކާރު ކަންކަމުގައި ޕްރެޝަރު ނަގަން ބޭނުން ނުވާ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

މުބާރާތުގައި ސްޕެއިން ހިމެނިފައި އޮތީ ވެސް ވަރުގަދަ ގްރޫޕެއްގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިން ވަނީ ކްރޮއޭޝިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ސްޕެއިނުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ފަހު މެޗުގައި އަލްބޭނިއާ ބަލިކޮށް، ސްޕެއިން ވަނީ އެއް ވަނައިގައި ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް