ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 10:47
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
ރާއްޖެއެމްވީ
މަސްވެރިންނަށް ފައިސާ ދޫކުރުން
ރައީސް ވައުދުވީ މަޤާމާ ޙަވާލުވާ ގޮތަށް މަސްވެރިންނަށް ފައިސާ ދޭކަށްނޫން، ނުދެވި އޮތީވެސް އެންމެ ފަންސާހަކަށް މިލިއަން ރުފިޔާ: މެމްބަރު ސަލީމް
ރައީސް ވައުދުވެވަޑައިގެންނެވީވެސް މަޤާމާ ޙަވާލުވެވަޑައިގަންނަވާ ގޮތަށް ފައިސާ ދޫކުރެއްވުމަށް ނޫންކަމަށް ވިދާޅުވި
މެމްބަރު ވިދާޅުވީ، ސަރުކާރާ ޙަވާލުވިއިރު ޤައުމުގެ ދަރަނީގެ ޙާލަތެއް އެނގިވަޑައިނުގަންނަވާ ކަމަށް

މަސްވެރިންގެ ފައިސާ ދޫކުރުމަށް އެދި ހުށަހެޅި ކުއްލި މައްސަލައާމެދު ނުރުހުންވެ ވަޑައިގެން އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވާހަކަފުޅު ދައްކަވައިފިއެވެ.

މަސްވެރިންނަށް ފައިސާ ދިނުން އަވަސް ކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ހައްލު ހޯދިފައިނުވާ މައްސަލައެއް ކަމަށެވެ. މިއަދުގެ ސަރުކާރުން މި މައްސަަލަ ހައްލު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ސަރުކާރާ ޙަވާލުވިއިރު ޤައުމުގެ ދަރަނީގެ ޙާލަތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދި މިއަދު މަސްވެރިންނަށް ނުދެވި ހުރީވެސް "އެންމެ ފަންސާހަކަށް މިލިއަން" ރުފިޔާ ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. މީގެ ކުރިން އެ އަދަދުތައް އެއަށްވުރެ ބޮޑުކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރު މި ޙާލަތުގައިވެސް މަސްވެރިންނަށް މި އޮތީ އެންމެ 50 މިލިއަން ރުފިޔާ ދޭން ޖެހިފައި، އެންމެ ފަންސާހަކަށް މިލިއަން ރުފިޔާ،
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް

މެމްބަރު ސަލީމް އިތުރަށް ވިދާޅުވީ، ރައީސް ވައުދުވެވަޑައިގެންނެވީވެސް މަޤާމާ ޙަވާލުވެވަޑައިގަންނަވާ ގޮތަށް ފައިސާ ދޫކުރެއްވުމަށް ނޫން ކަމަށާއި، ވެރިކަމުގެ 5 އަހަރުގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަދި ދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް މެމްބަރުގެ ވާހަކަފުޅުގެ މެދުތެރެއިން ރިޔާސަތުން ވަނީ ރައީސް 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްވާނެކަމަށް ވިދާޅުވިކަން ހަނދުމަ ކޮށްދެއްވާފައެވެ. އެހެންކަމުން މެމްބަރު ސަލީމް ފަހުން ވަނީ އެ ފައިސާ 48 ގަޑީއިރުގެ ތެރޭގައި ސަރުކާރުން އަދި ދޭނެ ކަމަށް ވިދާޅުވެފައެވެ.

އިރާދު ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ރައީސް ވައުދުވީ ވަޒީފާއާ ޙަވާލުވާ ދުވަހު މިކަން ކުރާ ގޮތަކަށް ނޫން، މި ފަސް އަހަރުގެ ތެރޭގައި އެކަން ކުރާނެ (ރިޔާސަތުން ހަނދުމަ ކޮށްދެއްވުމުން،) އާދެ 48 ގަޑީއިރުގެ ތެރޭގައި އަދި ފައިސާ ދޭނެ.
އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް

މެމްބަރު ސަލީމް ވަނީ މަސްވެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކުއްލި މައްސަލަ ހުށަހެޅުއްވުމުން އެކަމާ ނުރުހުންވެ ވާހަކަ ދައްކަވާފައެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެވަޑައިގެންނެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަދު މަސްވެރިން ބުނަނީ 24 ގަޑީއިރު ތެރޭ ފައިސާ ނުދެވުނަސް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަދައި ދިނުމަށެވެ.

ކޮމެންޓް