ކ. މާލެ
|
21 ޖޫން 2024 | ހުކުރު 10:07
މެޗުގައި ލީޑު ލިބުމުން ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލީޑު ލިބުމުން ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
އިޓަލީ ބަލިކޮށް، ސްޕެއިނުން ގަދަ 16 އަށް
ނަތީޖާ އާއެކު ސްޕެއިނުން ގަދަ 16ގެ ޖާގަ ޔަގީން ކުރީ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިނުން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް ބީ ގައި މި ދެ ޓީމު ބައްދަލު ކުރިއިރު، ދެ ޓީމުން ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން، މި މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 އިން ޖާގަ ޔަގީން ކުރެވެން އޮތެވެ.

މެޗުގައި ސްޕެއިނުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ، ފަބިއަން ރުއިޒް ފޮނުވާލި ހަމަލާތައް އިޓަލީގެ ގޯލު ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ސްޕެއިނަށް ލީޑު ލިބުނީ ދެ ވަނަ ހާފުގަ އެވެ. އެއީ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި އިޓަލީގެ ރިކާޑޯ ކަލަފިއޯރީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ އިޓަލީގެ ގޯލަށެވެ.

ނަތީޖާ އާއެކު ސްޕެއިނުން ގަދަ 16ގެ ޖާގަ ޔަގީން ކުރީ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު އިޓަލީ އެވެ. ތިން ވަނައިގައި އޮތް އަލްބޭނިއާ އާއި ހަތަރު ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނިކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ. އަދި އިޓަލީ ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް