ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސް އިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ކީލިއަން އެމްބާޕޭ އަށް އަނިޔާވެފައިވާއިރު، އެއީ މިވަގުތު ފްރާންސް އިން އެންމެ ކަންބޮޑުވާނެ ކަންތަކެވެ. އެމްބާޕޭގެ ނޭފަތަށް އަނިޔާވެފައިވާއިރު، އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
ފްރާންސް އަށް އެމްބާޕޭ ގެއްލުނު ނަމަވެސް އެ ޓީމު ކުރިއަށް ދާން ޖެހެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ފްރާންސް އަށް ލިބުނު އުނދަގޫ މޮޅާއެކު ވެސް، ފްރާންސް އަށް މުބާރާތުގައި ކުރިއަށް ދާން ޖެހޭނެ އެވެ. އެހެން ނަމަވެސް، މުބާރާތުގައި ފްރާންސް ކުރިއަށް ދާން މަސައްކަތް ކުރާއިރު، ކެޕްޓަން އެމްބާޕޭ އަކީ އެ ޓީމަށް ނުހަނު މުހިންމު ކުޅުންތެރިޔެކެވެ.
ހިތާމަވެރި ވަގުތުކޮޅެއް
ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ޤައުމުތަކަށް ކުރިމަތިވެފައިވާ އެކަހަލަ ކަންކަމަށް ބަލާއިރު، އެއީ އެކަމުން ޓީމަށް ގޮންޖެހުންތަކެއް ވެސް ކުރިމަަތި ކުރުވާ ކަމެކެވެ. މިސާލަކަށް ބަލާ ނަމަ، 1998 ވަނަ އަހަރު ޑޭވިޑް ބެކަމް އަށް އަނިޔާވީއިރު، 2004 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ވޭން ރޫނީ އަށް ވެސް އަނިޔާވި އެވެ.
ފްރާންސް އަށް މިހާރު މިއީ ވަރަށް ނާޒުކު ވަގުތު ކޮޅަކަށް ވެސް ވާނެ އެވެ. މިކަމުން ފްރާންސް އަމިއްލަ އަށް އަރައި ނުގަނެއްޖެ ނަމަ، އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާގެ ވާހަކަ ވެސް މަތީގައި އެވާ ލިސްޓަށް އަރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަނިޔާވި ވަގުތުގައި ވެސް އެމްބާޕޭ ފެނުނީ ތަންކޮޅެއް ހަމަޖެހިގެންނެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި އެމްބާޕޭގެ މޫނު މަތިން ބުނެދެނީ އެހެން ވާހަކަ އެކެވެ. ބޯޅަ އަކަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި، އޮސްޓްރިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިޔައިރު، ހޯސް ލާފައި އޭނާގެ ނޭފަތުން ދިޔައީ ލޭ ފައިބަމުންނެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، އެމްބާޕޭހެ ނޭފަތަށް ލިބުނު އަނިޔާ ފެންނަނީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، އޭނާ ވެސް ފާހަގަ ކުރި ވާހަކަ އަކީ މެޑިކަލް ޓީމުގެ ބަހަކަށް އިންތިޒާރު ކުރަން ޖެހޭނެ ކަމެވެ. ޑެޝޯމްޕްސް ބުނި ގޮތުގައި އެމްބާޕޭ ނެތި ކުރިއަށް ދިޔުމަކީ ފްރާންސް ޓީމަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އެހެންކަމުން އޭނާގެ އުންމީދަކީ އެމްބާޕޭ ކުޅުމުގައި ހުރުން ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.
ޔަޤީންކަމެއް ނެތް
މިއަހަރުގެ ޔޫރޯ މުބާރާތަށް ކުރިމަތިލީއިރު، އެމްބާޕޭ އަކީ މިއަހަރުގެ މުބާރާތުގެ ތަރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. އަނިޔާގެ ސަބަބުން އެމްބާޕޭ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ، އެއީ ކިހާ މުއްދަތެއް ކަމެއް ސާފުކޮށް ބުނާކަށް ނޭންގެ އެވެ. ތަޖުރިބާކާރުން އަންދާޒާ ކުރާ ގޮތުގައި އެންމެ ގޯސް ޙާލަތުގައި ވެސް 10 ވަރަކަށް ދުވަހަށް އެެމްބާޕޭ ކުޅުމާ ދުރަށް ދާން ޖެހިދާނެ އެވެ.
އެހެންކަމަށް ވެއްޖެ ނަމަ، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗު ވެސް އޭނާ އަށް ގެއްލޭނެ އެވެ. އަނެއްކޮޅުން، ފްރާންސް މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދިޔަ ނަމަވެސް، އެ މެޗު ވެސް ގެއްލޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ، މިއީ ފްރާންސްގެ "ބޮލު ރިހުމަކަށް" ވާނެ އެވެ.
ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި، އަނިޔާގެ ސަބަބުން މިވަގުތު އެމްބާޕޭ ސާޖަރީއެއް ކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި އޭނާ ކުޅޭނީ ރައްކާތެރިކަމުގެ މާސްކެއް އަޅައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބައިނަލްއަޤުވާމީ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހުކުރު ދުވަހުގެ މެޗުގައި އެމްބާޕޭ އަށް ނުކުޅެވޭނެ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ، ކުރިން ވެސް ފާހަގަ ކުރި ގޮތަށް، އޭނާ އަށް ގްރޫޕް ސްޓޭޖުގައި ނުކުޅެވަކީ ގާތް ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އެހެން ނަމަވެސް، ފްރާންސް އިން އެމްބާޕޭ ނެތް ޙާލަތަކަށް ވެސް ތައްޔާރުވާން ޖެހެ އެވެ. އެންމެ ގޯސް ޙާލަތުގައި ވެސް އެމްބާޕޭ ނުހުންނާނެ ކަމަށް އެ ޓީމުން ދެކެން ޖެހޭނެ ކަމަށް ތަޖުރިބާކާރުންް ބުނެ އެވެ. އެހެންވެއްޖެ ނަމަ، ފްރާންސް އިން ދުރާލާ އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި، މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނަށް ކުރީކޮޅު ދިމާވީ އުނދަގޫ އަދި ހިތްދަތި ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.